ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އަވަގުރާނަ ގޮވާފައިވާ މައްސަލައިގައި އޭނާއަށް ނަސޭހަތްތެރިވުމަށް އިމްތިޔާޒު ކޮމިޓީއިން ނިންމައިފި އެވެ.
އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާާއިރާގެ މެންބަރު އަލީ އާޒިމް އެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުންނަށް ނިސްބަތްވާ ގޮތަށް މެންބަރު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އަވަގުރާނަ ވިދާޅުވެފައިވާ ކަމަށެވެ.
އެ ސިޓީ ކޮމިޓީގެ ސަމާލުކަމަށް ސަމާލުކަމަށް ގެންނަވަމުން ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މި މައްސަލައަކީ ވަރަށް ސާފު މައްސަލައެއް ކަމަށާއި މެންބަރު ނަޝީދު އެގޮތަށް އަމަލު ކުރެއްވީ މަޖިލީހުގެ ހުރިހާ މެންބަރުން ތިއްބަވާ އާންމު ގުރޫޕެއްގައި ކަމަށެވެ. އެހެންވެ، ތުހުމަތުވާ މެންބަރާ އިތުރަށް ކުރަން ޖެހޭ ސުވާލެއްނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވީ އެ މައްސަލައިގައި މެންބަރު ނަޝީދަށް ނަސޭހަތްދީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެންގުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.
މެންބަރު ނަޝީދަށް ނަސޭހަތް ދޭނީ ލިޔުމުން ކަމަށް ވެސް ކޮމިޓީއިން ނިންމި އެވެ.
އެ ވަގުތު ޖަލްސާގައި ތިއްބެވި އެއްވެސް މެންބަރެއްގެ ދެކޮޅު ހެދުމެއް ނެތި އެ ހުށަހެޅުން ފާސްވި އެވެ.