ދައުވާތަކަށް ޖަވާބުދާރީވާން ނިހާނަށް އިތުރު ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް އޭނާއަށް ލިބިއްޖެ އެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

މިއަދު ނިހާންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ނިހާންގެ ވަކީލު ވަނީ ސެކްޝަން ބަދަލުވުމާ މެދު ސުވާލު އުފައްދައި އެކަމުގެ ލިޔުން ދޭން އެދިފަ އެވެ.

އެކަން ބަލަން ގާޒީ އަލީ އާދަމް ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް އަޑުއެހުން މެދުކަނޑާލުމަށްފަހު ވިދާޅުވީ، އެކަން ވަކީލަށް ނޭންގި އޮތީ ރަޖިސްޓްރާ ސެކްޝަނަށް އެޅި އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އެކަން އަންގައި ލިޔުން މިއަދު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ނިހާންގެ ފަރާތުން ޖަވާބުދާރީވުމުގެ ކުރިން ސާފު ނުވާ ބައެއް ލިޔުންތައް ސާފު ކުރަން އޭނާގެ ފަރާތުން މިއަދު އެދުނެވެ. އެ ލިޔުންތަކަކީ ކޮބައިކަން ބުނުމުން އެ ލިޔުންތައް ފޯރުކޮށްދޭނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ، އޭނާ މަޖިލީހުގެ މެމްބަރު ކަމުގައި އަދި، މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.

ނިހާނަށް ލިބިފައިވާ ކަމަށް ބުނާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް މީގެ ކުރިން ދައުލަތުން ބުނެފައިވެ އެވެ.

މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފަ އެވެ.

comment ކޮމެންޓް