ވިލާ އެއާ އިން ފްލައިން ސްކޫލެއް ހުޅުވަނީ

ފްލައި މީގެ ބޯޓެއް މާމިގިލީ އެއާޕޯޓުގައި ---

ރާއްޖޭގައި ފްލައިން ސްކޫލެއް ހުޅުވުމުގެ މަސައްކަތް ވިލާ އެއާ އިން ފަށައިފިއެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު "ސަން" އަށް ވިދާޅުވީ ވިލާ އެއާ އިންް ފްލައިން ސްކޫލެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ސިވިލް އޭވިއޭޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފްލައިން ސްކޫލު ހިންގުމަށް އދ. މާމިގިލީގައި ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާ އެއާ އިން ހިންގާ މާމިގިލީ އެއާޕޯޓުގައި ޓްރެއިނިން ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ހެނގަރާއި ބޯޓުތައް ބަހައްޓާނެ ތަން ގާއިމު ކުރުމުގެ މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ ފްލައިން ސްކޫލުގެ މެނުއަލް ތައްޔާރުކޮށް ނިމި އަންނަ މަހު ސިވިލް އޭވިއޭޝަނަށް ހުށަަޅަން ތައްޔާރުވަމުންދާ ކަމަށެވެ.

"ޓާގެޓަކީ އިރާދަކުރެއްވިއްޔާ މެއި މަހު ފްލައިން ސްކޫލު ހުޅުވުން. ފްލައިން ސްކޫލު ހިންގާނީ ވިލާ އެއާ އާއި ވިލާ ކޮލެޖު ގުޅިގެން،"

ނާޝިދު ވިދާޅުވީ ފްލައިން ސްކޫލުގެ މެނުއަލް ސިވިލްް އޭވިއޭޝަނަށް ހުށަހެޅުމަށްފަހު އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ޕްރެސް ބްރީފިން އެއް ބާއްވާނެ ކަމަށެވެ.

ރާއްޖޭގައި ފްލައިން ސްކޫލެއް ހުޅުވުމުގެ މަސައްކަތް ވިލާ އެއާ އިން ކުރަމުންދާއިރު، ދިވެހީންގެ ތެރޭގައި "ހައި ޕްރޮފެޝަނަލް ސްކިލްސް" އަށް އިސްކަންދޭ މީހުން ގިނަކަން ނާޝިދު ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އުފެދިފައި އޮންނަ ގޮތުން ވައިގެ ދަތުރު ފަތުރަކީ މުހިއްމު ސިނާއަތެއް ކަމަށާއި އެ ސިނާއަތުގައި މަސައްކަތްކުރާނެ ޕްރޮފެޝަނަލުން ތަމްރީނު ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިންގަނީ އެންމެ ފްލައިން ސްކޫލެކެވެ. އައްޑޫ ސިޓީ ގަމުގައި ހިންގާ އޭޝިއަން އެކެޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެން ގޮސް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް