ވޭމަންޑޫ އިންޖީނުގެ އަނދައި ހުލިވެއްޖެ

ތ. ވޭމަންޑޫ -- ފޮޓޯ: އަރުޝަދު

ތ. އަތޮޅުގެ ވެރިކަން ކުރާ ރަށް ވޭމަންޑޫގެ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރާ ވަރަށް ހުރިހާ އިންޖީނުތަކެއް އަނދައިފި އެވެ. އެއާ އެކު މުޅިން ރަށުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފަ އެވެ.

އާބާދީގައި 1،100 އަށް ވުރެ ބޮޑު އާބާދީއެއަށް އޮންނަ އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ މިއަދު މެންދުރު ފަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ތިން ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ސައީދު ވިދާޅުވީ އެ ރަށަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވެން އޮތީ އާ އިންޖީނެއް އެ ރަށަށް ގެންގޮސްގެން ކަމަށެވެ. އަދި އެ ރަށަށް ކަރަންޓު ދިނުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސީދާ އަދި ނޭނގޭ ކަރަންޓު އަނބުރާ ދެވޭނޭ އިރެއް އަދި. ވަރަށް ބުރަކޮށް އަޅުގަނޑުމެން އަނބުރާ ކަރަންޓް ދޭން މި ދަނީ މަސައްކަތް ކުރަމުން،" ސައީދު ވިދާޅުވި އެވެ.

އިންޖީނު ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް