އަމާން ހިޔާތަކަށް ބަދަލުކުރާ ކުދިންނާމެދު ދައްކާ ވާހަކަތަކާ މެދު ކަންބޮޑުވެއްޖެ

ފުނަދުއަށް ގެންދިޔަ ކުދިންތައް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ދައުލަތުން ބަލަހައްޓާ ކުދިންގެ ތެރެއިން ރަށްރަށުގައި ހުރި "އަމާން ވެށި"ތަކަށް ބަދަލުކުރާ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން މިނިސްޓްރީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބ. އޭދަފުށީ އަމާން ހިޔާ އަށް ބަދަލު ކުރި ކުދިންނާމެދު އެރަށުގެ ބައެއް މީހުން ހިތްހަމަ ނުޖެހިގެން އުޅުނު ވާހަކަތައް އިއްޔެ މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގޮތުން އެ ކުދިންގެ ބަހުރުވަ އާއި އުޅުން ހުންނަ ގޮތުން ރަށުގެ ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅުކުރުމަށް ހިޔާ ދޮށަށް އެއްވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކޮށްފައިވާ އަމާނާތަކަށް ވާއިރު، ރާއްޖޭގެ ގާނޫނު އަސާސީ އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅާ ކަމަށެވެ.

އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އެފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ދެ މަރުކަޒެއްގައި ކަން މިނިސްޓްރީން ފާހަގަ ކުރި އެވެ.

އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ހާއްސަ ކޮށްގެން ގާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ އިން ބުންޏެވެ.

އެ ފަދަ ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ހާލަތުތައް އަންނަ ކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10ވަނަ މާއްދާ "އަޅައިލުމާއި ހިމާޔަތް ލިބުން"ގެ (ހ) އަދި އެ ގާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުން"ގެ (ހ)އާ ހިލާފަށް، ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރާކަމީ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މުޖުތަމައުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުއޫރު ފާޅުކުރެވިގެންދާ ހާލަތު އަންނަ ކަން ފާހަގަވާކަމަށް މިނިސްޓްރީން ބުންޏެވެ، އަދި އެ ފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. އަދި މި ފަދަ ގޮންޖެހުތައް ހައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަން ޖެންޑާ އިން ވަނީ ފާހަގަ ކޮށްފައެވެ.

އޭދަފުށީގެ އިތުރުން ށ ފުނަދޫ އަދި ފުވައްމުލަކު އަމާން ހިޔާއަށް ކުދިން ބަދަލުކޮށްފައިވާއިރު އިތުރު ރަށްރަށުގައި ހިޔާ ގާއިމްކޮށް ކުދިން ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް