މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އިސްމާއިލް އަތީފު އާއި އަހުމަދު މުނީރު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ގެ މައްޗަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްފި އެވެ.
ޖުޑީޝަރީގެ މީޑީއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިރޭ ވިދާޅުވީ އެ މައްސަލައަކީ ސިވިލް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫންކަމަށް ވާތީ އެކަން މިއަދު އުމަރު ނަސީރަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަތީ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައިކޯޓުން ނެރެފައިވާ އަމުރުތަކަކީ އެ ދެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނެރެފައިވާ އަމުރުތަކަކަށް ނުވާތީ އެ އަމުރުތަކަކީ ސިވިލް ކޯޓުން ތަންފީޒު ކުރަންޖެހޭ އަމުރުތަކެއްގެ ގޮތުގައި ފާހަގަނުކުރެވޭތީ ކަމަށެވެ. އަދި ވިދާޅުވީ ކޯޓް އަމުރުތަކާއި ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނީ އެއަމުރެއް ނެރުނު ކޯޓަކުން ކަމަށްވެސް ސިވިލްކޯޓުން އުމަރުއަށް އެންގި އެންގުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
އުމަރުގެ ދައުވާގެ ޚުލާސާގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ މައްސަލަ ބަލައި ތަހުގީގުކޮށް އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެފައިވާއިރު، މޯޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ ހުށަހެޅިފައިވާކަން ނުވަތަ މައްސަލައާއި ގުޅިގެން ޕޮލިހުން ދީފައިވާ ޖަވާބު ބަޔާންކޮށްފައި ނުވާތީ ފުލުހުންގެ މައްޗަށް ދައުވާކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައިނުގަތުމަށް ނިންމާފައިވާކަމަށް ވެސް ލަތީފާ ވިދާޅުވި އެވެ.
"ދައުވާގައި ހަވާލާދީފައިވާ އަމުރުތަކަކީ ސުޕްރީމް ކޯޓާއި، ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނެރެފައިވާ އަމުރުތަކަކަށް ނުވާތީ އެ އަމުރުތަކަކީ ސިވިލް ކޯޓުން ތަންފީޒު ކުރަންޖެހޭ އަމުރުތަކެއްގެ ގޮތުގައި ފާހަގަނުކުރެވޭތީއާ އެފަދަ އަމުރުތަކާމެދު ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނީ އެ އަމުރެއް ނެރުނު ކޯޓަކުން ކަމަށްވާތީއާ ދައުވާގެ ޚުލާސާގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ މައްސަލަ ބަލައި ތަހުގީގުކޮށް އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ ދައުވާ ހުށަހަޅުއްވާފައިވާއިރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ ހުށަހެޅިފައިވާކަން ނުވަތަ މައްސަލައާއި ގުޅިގެން ދީފައިވާ ޖަވާބު ބަޔާންކޮށްދީފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫންކަމަށް ސިވިލް ކޯޓުން ވަނީ އުމަރަށް އަންގާފަ،" ލަތީފާ ވިދާޅުވި އެވެ.