ވެންޓިލޭޓަރު މައްސަލައިގައި އިތުރު މައުލޫމާތުތަކެއް ލިބިއްޖެ: ޕީޖީ

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި އިތުރު ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕީޖީގެ ފަރާތުން ކޮމިޝަނަށް ފޮނުވި ކަންކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދެކޭގޮތް މިހާރު ވަނީ ޕީޖީ އޮފީހާ ހިއްސާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލަ މިހާރު ދިރާސާކުރަމުން އަންނަ ކަމަށާއި، މި ހަފްތާ ތެރޭގައި ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު މައްސަލައިގައި ގޮތެއް ނިންމާ ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އެ މައްސަލައިގައި ފަހުން ލިބުނު މައުލޫމާތުތައް. ދެން އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން ބައިވަރު އިތުރު މައުލޫމާތު ތަކެއް އެބަހުރި ހިއްސާކުރައްވާފައި،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ އެ މައުލޫމާތު ބޭނުންވާ މިންވަރަށް ގުޅުވާލެވޭނީ ކިހިނެތްތޯ ބަލަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ހާމަކުރައްވަން މިވަގުތު އުޒުރުވެރިވާ ކަމަށް ޕީޖީ ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ.

"މިވަގުތު އޭގެ ތަފްސީލުތައް ހާމަކުރަން ތަންކޮޅެއް ދަތި އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި. އޭގަ ބައިވަރު މީހުން ވެސް އެބަ ހިމެނޭ އެމީހުންނަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތް އެނގިއްޖެއްޔާ އެހެން ގޮތަކަށް ވެސް މަސައްކަތް ބައްޓަން ކޮށްލުމުގެ ފުރުސަތު އޮވެދާނެތީ އަޅުގަނޑު އުޒުވެރިވަން އޭގެ ތަފްސީލުތައް ހާމަކުރަން،" ޕީޖީ ވިދާޅުވި އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވި އެވެ.

ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

comment ކޮމެންޓް