ގްރޭޓަރ މާލޭ ޑިޖިޓަލް ކަނެކްޓިވިޓީގެ ވިޝަންގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތަކީ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ މަސައްކަތަކީ ސަރުކާރުގެ ކޮމްޕިއުޓާ ވިއުގަ އިތުރުށް ފުޅާކޮށް ހުޅުމާލޭގެ އިތުރުން މުސްތަގްބަލުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ވިލިނގިލި އަދި ގުޅިފަޅާއި ތިލަފުށި ގުޅުވާލެދޭ ބްރިޖް ޕްރޮޖެކްޓް ތެރެއިން ސަރުކާރުގެ ކޮމްޕިއުޓާ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތެކެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ފައިބާ ނެޓްވޯކެއް އަޅަން ފެށުން-- ފޮޓޯ/ޓެކްނޮލޮޖީ މިނިސްޓްރީ
އެ މަޝްރޫއުގައި އަށް ކިލޯމީޓަރުގެ ސަރަހައްދެއް ގުޅުވާލުމަށްޓަކައި، ފައިބާ ކޭބަލް ނެޓްވޯކެއް އެން.ސީ.އައި.ޓީ އިން ހުޅުލެ އަދި ހުޅުމާލެއަށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 96 ކޯގެ ފުލް ރިޑަންޑަންސީ ހިމެނޭ ގޮތަށް އަޅާ ފައިބާ ރިންގް ނެޓްވޯކެކެވެ. އަދި ކަނޑު ހުރަސްކޮށް ރަށްތަކެއް ގުޅުވާލުމަށް ސަރުކާރުން ގާއިމްކުރާ މިފަދަ އެންމެ ބޮޑު ނެޓްވޯކެވެ.
އެ ނެޓްވޯކްގެ އެޅުމުން ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި އާންމު ވިޔަފާރިތަކަށްވެސް އެ ނެޓްވޯކް ބޭނުންކުރުމަށް ހުޅުވާލެވޭނެ އެވެ. އަދި ސަރުކާރުން މުވާސަލާތީ ހިދުމަތްތަކަށް ކުރާ ރިކަރަންޓް ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެ އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ފައިބާ ނެޓްވޯކެއް އަޅަން ފެށުން-- ފޮޓޯ/ޓެކްނޮލޮޖީ މިނިސްޓްރީ
ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ބްރިޖާއި މަގުހެދުންފަދަ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މުވާސަލާތީ ނެޓްވޯކްތަކަށް ބޭނުންވާ ޑަކްޓް ސިސްޓަމާއި ކޭބަލް މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމަކީ ފަހުން މުއާސަލާތީ ހިދުމަތް ފުޅާކުރުމުގައި ހަރަދު ކުޑަ އަދި ކޮށްފައިވާ އުމްރާނީ މަސައްކަތަށް ގެއްލުން ކުޑަވާނެ ކަމެއް ކަމަށެވެ.