ސީރިއާއަށް ދާން އުޅުނު ކަމަށް ބުނާ މީހެއްގެ މައްސަލަ ބަލަން އަންގައިފި

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކުރި ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ކ. މާލެ، މއ. މާރަނގަ، ހަސަން ފައިޒަންގެ މައްޗަށް ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިޔުުމުގެ ދައުވާ ކުރީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިިވުމަށް، އޭނާ 6 ނޮވެމްބަރު 2017ގައި، ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ކަމަށް ތުހުމަތުކޮށެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި ފައިޒަން ހައްޔަރު ކުރީ އޭނާ ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް، ތުރުކީގެ ސަލާމަތީ ބާރުތަކުންނެވެ. އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލީ އެވެ.

ފައިޒަން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން 10 މެއި 2018ގައި ނިންމާފައި ވަނީ، އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައި ވަނީ، އެ ދައުވާ ބޭރުކޮށްލުމަށެވެ.

ނަމަވެސް، ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން ނިންމާފައި ވަނީ، އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ފައިޒަންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން، އެ ދައުވާ މައުޟޫއީ ގޮތުން ކުރިއަށްގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލައަކީ އެ ކޯޓުން އަލުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ހައިކޯޓުން ނިންމާފައިވެ އެވެ.

ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކޮށްފި ނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި، އޭނާއާ ދެކޮޅަށް ހުރި ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައެޅުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފަނޑިޔާރަށް ލިބިގެންވެ އެވެ.

ނަމަވެސް، އެގޮތަށް ދައުވާ ކުރިއަށް ގެންދެވިދާނެ ކަމާ މެދު ގޮތެއް ނިންމާއިރު، ހެކިތަކަށް ބަލައި، އެ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ފަނޑިޔާރު ބަލަން ނުޖެހޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމި ނިންމުމެއްގައި ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހުށަހެޅިފައިވާ އެންމެހާ ހެކިތަކަށް ބަލައި އެއީ އެކަށީގެންވާ ތުހުމަތެއް ކުރެވޭ ވަރުގެ ހެކިތޯ ބަލަން ޖެހޭނެ ކަމަށް އެ މައްސަލައިގައި ނިންމާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.

comment ކޮމެންޓް