ކިނޮޅަހުގެ ކުނި މެނޭޖުކުރަން ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކިނޮޅަހުގެ ކުނި މެނޭޖުކުރަން ހިންގި މަޝްރޫއުގެ ތެރެއިން ބެހެއްޓި ޑަސްބިންތަކެއް-- ފޮޓޯ/ބީއެމްއެލް

ރ. ކިނޮޅަހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރަން އެހީތެރިވުމަށް ޓަކައި ހިންގި މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ. މިއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި މަޝްރޫއެކެވެ.

އެ މަޝްރޫއު ހިންގަން އެރަށު ވާފިރު އަހްމަދު ޕްރޮޕޯސަލް ހުށަހެޅި އިރު ރަށުގެ ހުރިހާ ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުން ގެންދިޔައީ އެ ރަށު ކައުންސިލުންނެވެ.

ނަމަވެސް ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުން ރަށުގެ އާންމު ތަންތަނުގައި އެ މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުތަންތަކާ ކުރިމަތިވެފަ އެވެ.

ބީއެމްއެލްގެ އެހީގައި ހިންގި މަޝްރޫއުގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ވަނީ ބަހައްޓައިފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކިނޮޅަހުގެ ކުނި މެނޭޖުކުރަން ހިންގި މަޝްރޫއުގެ ތެރެއިން ބެހެއްޓި ޑަސްބިންތަކެއް-- ފޮޓޯ/ބީއެމްއެލް


އެ މަޝްރޫއުގެ ޕްރޮޕޯސަލް ހުށަހެޅި ވާފިރު ވަނީ އެ މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލަން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށާއި ބީއެމްއެލްއަށް ޝުކުރު އަދާކޮށްފަ އެވެ.

"ބަނދަރު ސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓުމާ އެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައި. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރިކަމެއް ވެސް މެ... އަޅުގަނޑުގެ އުއްމީދަކީ 'ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް' މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް." އޭނާ ބުންނެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗު މަހުގެ ހަވަނަ ދުވަހާ ހަމަޔަށް ހުޅުވައިފަ އެވެ.

comment ކޮމެންޓް