ބީއެމްއެލް އިސްލާމިކް އަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމުގެ ބޭނުމުގައި "ބީއެމްއެލް އިސްލާމިކް" ތައާރަފްކުރީ 2015 ވަނަ އަހަރު އެވެ.
ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގެ ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކްގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބޭންކުން ބުންޏެވެ.
އެއާއެކު ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމް، ޕީއޯއެސް ޓާމިނަލް ތަކުގެ އިތުރުން އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ތެރޭގައި އިތުރުވެފައިވާ ކަމަށާއި އެ މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް އިތުރު ވެފައިވާ ކަމަށް ބެންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ 2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު 1.02 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ
މިދިޔަ 2020 ވަނަ އަހަރުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ދޫކޮށްފައިވާއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 ޕަސެންޓަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިން ކަމަށް ބޭންކުން ބުންޏެވެ. އަދި 4 ޕަސެންޓް ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވޯކިން ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިން ކަމަށްވެސް ބޭންކުން ބުންޏެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ބީއެމްއެލް އިން ވަނީ ތައާރަފުކޮށްފައެވެ. އެއާއެކު ޖުމްލަ ފައިނޭންސިން އަށް 19 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ އިތުރުން 2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އާ ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 ޕަސެންޓް ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
އިސްލާމިކް ފައިނޭންސިންގެ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.