ހިޔާ ފްލެޓުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދީފި

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 7،000 ހައުސިން ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއިން ނިންމާލައިފި އެވެ.

ފެން ކުންފުނިން ބުނީ އެ މަސައްކަތް ނިންމާފައިވަނީ ތާވަލުކުރި މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ހިޔާ މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ 7،000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ބޭނުންވާ 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވޯކް އާއި 3.5 ކިލޯމީޓަރުގެ ނަރުދަމާ މައި ނެޓްވޯކް އާއި 200 މީޓަރުގެ ދިގު ޕަމްޕިން ލައިނެއް ވަނީ އަޅާފަ އެވެ.

މީގެ އިތުރުން ހައުސިން ޔުނިޓުތައް ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަމްޕިން ސްޓޭޝަން ބަހައްޓައި، 16 ޓަވަރަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށާއި ހައުސިން ޔުނިޓުތަކުގައި ފެން މީޓަރުތައް ވެސް ބަހައްޓާފައިވާ ކަމަށް ފެން ކުންފުނިން ބުނެ އެވެ.

ފެން ކުންފުނިން ބުނީ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި އަލަށް ތަރައްގީކުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް