ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި ފަޒީން

ބްރޯޑްކާސްޓިންގް ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަން ދެއްވި ތިން ބޭފުޅުން (ކ-ވ) މުހައްމަދު ފަޒީން، ޝިފްޒާ މުސްތަފާ، ޝިފާ ތައުފީގު

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިިިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ނަންތަކުގެ އެންމެ ކުރީގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ހިމަނައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ ގޮޑި ހުސްވީ، ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ.

ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ރައީސް ސޯލިހް ވަނީ 11 ބޭފުޅެއްގެ ނަން ފޮނުވާފައެވެ.

ރައީސް ފޮނުވި ނަންތައް ތަރުތީބުން:

  1. މުހައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ
  2. އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ. ފުވައްމުލައް
  3. ޝިފާ ތައުފީގް ހ. ހާޖަރާގެ
  4. އަލީ މުހައްމަދު މަނިކު، ދަފްރަރު ނަންބަރު: ރސ1851
  5. އަހްމަދު މޫސާ، ހ. އަބްސާވިލާ
  6. ޒުބައިރު އަހްމަދު މަނިކު، ގ. މަލްބިނަބް
  7. ހަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ
  8. އައިޝަތު ހުސައިން މަނިކު، ހ. ރީދޫކޮކާގެ
  9. މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ
  10. ހުސައިން އަމްރު، ވ. ރޯޝަން
  11. އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

މަޖިލީހުން މިއަދު ވަނީ، އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާ ކޮމިޓިއަށް ފޮނުވާފައެވެ. ކޮމިޓީގައި ނަންތައް ދިރާސާ ކުރާއިރު، ރައީސް ފޮނުވާ ނަންތަކުގެ ތަރުތީބަށް އިސްކަން ދޭނެ އެވެ.

comment ކޮމެންޓް