ސަރުކާރުގެ ކޯޕަރޭޝަނަކުން ޓީވީ ޗެނަލެއް އުފައްދަނީ

ބްރޮޑްކޮމްގެ މެންބަރުން ---

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް އިތުރު ޓީވީ ޗެނަލަކަށް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން މިއަދު ލައިސަންސް ދޫކޮށްފި އެވެ.

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ "މޯލްޑިވްސް ބިޒްނަސް ނެޓްވޯކް" ކިޔާ ޓީވީ ޗެނަލަކަށެވެ. އެ ކޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ޗެނަލަށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ދޫކޮށްފައިވާއިރު، ލައިސަންސްގެ މުއްދަތު ހަމަވާނީ 6 ފެބްރުވަރީ 2031 ގައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުން:

1. އަހްމަދު އިފްތިޚާރު މ.ލިއުޒީނިޔާ/ ކ. މާލެ
2. ލަމްޔާ އިބްރާހީމް މއ. ނޫރީ/ ކ. މާލެ
3. ފާތިމަތު ފަޒްލީނާ ފާކިރު ސައްކެޔޮގެ/ ސ. ފޭދޫ
4. އާދިލް އިސްމާއީލް މ. ސަންބީލް/ ކ.މާލެ

މުޅި ރާއްޖެ އަަށް ބްރޯޑްކާސްޓް ކުރުމާއި ރީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްއަށް އެދުމުގެ ފުރުސަތު ބްރޯޑްކޮމް އިން ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

މިހާތަނަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 39 ޕާޓީއަކަށް ދޫކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރެއިން 11 ލައިސަންސް އަކީ ޓީވީއަށް ބޭނުންވާ ލައިސަންސް އެވެ. ބާކީ 28 ލައިސަންސަކީ ރޭޑިއޯ ލައިސަންސް އެވެ. އަދި 100 އަށް ވުރެ ގިނަ ފަރާތުން ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ނަގާފައިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް