ލޮނަދޫހުއްޓާ ހާދިސާ: ބަރު ސީލިންގުގެ ދަށުވެ ފިރުޝާންވީ "ކުދިކުދި"

ގދ. ގައްދޫ، މުހައްމަދު ފިރުޝާން، 17އ.: ސީލިންގެއް ގައިމައްޗަށް ވެއްޓި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވޭ --

ހޮނިހިރު ދުވަހު ހެނދުނު 6:30 އެހާކަންހާއިރު މުހައްމަދު ފިރުޝާން، 17، އާއި އޭނާގެ ގާތް ރައްޓެހިންތަކެއް ގދ. ގައްދޫއިން ނައްޓާލީ އެ ރަށް ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް މަޖާކޮށްލަން ދިޔަ ދަތުރެއްގަ އެވެ. އެއީ އެ މީހުންނަށް އާ ކަމެއް ނޫނެވެ. އެފަދަ އެތައް ދަތުރެއް މީގެ ކުރިން އެ މީހުން އެ ރަށަށް އަޅާފައިވެ އެވެ.

ބޮޑުމިނުގައި އަށް ހެކްޓަރު ހުންނަ ލޮދޫހުއްޓާއަކީ 2005 ވަނަ އަހަރު ރިޒޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށެކެވެ. 35 އަހަރުގެ މުއްދަތަކަށް އެ ރަށް ދޫކުރީ ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އަށެވެ. ނަމަވެސް، މަޝްރޫއުގެ މެދުތެރެއިން މަސައްކަތް ހުއްޓާލިތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ނުނިމި ހުރި ވޯޓާ ވިލާތައް އެ ރަށުގެ ފަޅު ތެރޭގައި ވީރާނާވަމުންދެ އެވެ.

ރަށު ތެރޭގައި މަޖާ ނަގަމުން ގޮސް ފިރުޝާންއާއި އިތުރު ހަތަރު ކުދިން ވަނީ ނުނިމި ހުރި ވޯޓާ ވިލާއަކަށެވެ. އޭރު ދެ ކުއްޖަކު ވީ އެހެން ކަމެއްގައި ރަށު ތެރެއަށް ގޮހެވެ. އެ ވޯޓާ ވިލާ ތެރޭގައިވެސް އެ މީހުން އުުޅުނީ ވަރަށް ސަކަރާތް ޖަހައި މަޖާކޮށެވެ.

ރިޒޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލޮނުދޫހުއްޓާ: އެ ރަށުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ --

އެހެން އުޅުމުގެ ތެރޭގައި، އެ ވޯޓާ ވިލާގެ ފާހާނާގެ ތެރޭގައި ސަޕޯޓަށް ޖަހާފައި ހުރި ލަކުޑިގަނޑެއްގައި ފިރުޝާން ތަޅަން ފެށި އެވެ. ހަމަ މަޖަލަކަށެވެ.

"މަޖާ ނަގަމުން ގޮސް، ދަތުރު މަޖާ ނަގަމުން ގޮސް، ސަކަރާތް ޖަހަމުން މަޖަލަކަށް ތަނބުގަ ތަޅާލީ،" ފިރުޝާންއާއެކު ދަތުރު ދިޔަ ރައްޓެއްސަކު ކިޔައިދިނެވެ.

ލަކުނޑިގަނޑުގައި ފިރުޝާން ތަޅަން ފެށުމުން އޭތި ބިނދި ކުއްލިއަކަށް ސީލިން އަރިއަޅާލައި އޭނާ ގައިމައްޗަށް ވެއްޓުނެވެ.

ސީލިންގް ފިރުޝާންގެ ގައިމައްޗަށް ވެއްޓުނު ކަމެއް ނޫނީ އެތަނުގެ ދަށުގައި ހުރި މެއިންޓަނެންސް ފޮށިތެރެއަށް ވަދެ ރައްކާތެރިކަން ހޯދީ ކަމެއް ރައްޓެހިންނަކަށް އޭރު ޔަގީނެއް ނޫނެވެ. ފުރަތަމަ އޭނާއަށް ސަލާމަތްވެވުނުތޯ ބަލަން ރައްޓެހިން އޭނާއަށް ގޮވައި ހެދި އެވެ. އެކަމަކު ހިލަމެއް ނުވި އެވެ.

ދެން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ ސީލިންގް ދަށުވެފައި އޮއްވަ އެވެ. އޭނާގެ ރައްޓެއްސަކު ބުނި ގޮތުގައި ފެންނަން އޮތީ ހަމައެކަނި އޭނާގެ ބޮލުން ތަންކޮޅެކެވެ.

އެތާ ތިބި ހަތަރު ކުދިން ވެގެން ފިރުޝާންގެ ގައިމައްޗަށް ވެއްޓިފައި އޮތް ސީލިންގް ހިއްލާލެވުނީ ހަމަ ކިރިޔާ އެވެ. އެކަކު ފިރުޝާން ދަމައި ނެގި އިރު އަނެއް ތިން މީހުންނަށް ސީލިންގް ހިއްލާލައިލެވުނީ ބައި އިންޗި ވަރަށެވެ.

"ހުރިހާ އެންމެންވެގެން އުޅުނީ ސީލިންގް ނަގަން. އެއީ ވަރަށް ބަރު ސީލިންގެއް. އޭތި އިނީ ދަނގަޑުން ހަދާފައި އިން ފްރޭމެއްގަ ވީމަ ވަރަށް ބަރުވާނެއެއްނުން،" ދަތުރުގެ ބައިވެރިއަކު ކިޔައިދިނެވެ.

"ހުރިހާ އެންމެންވެގެން ހަމަ ކިރިޔާ ހިއްލާލެވުނީ. އޭނަ އެތާ ތާށިވެފައި އޮތީމަ ހަމަ ކިރިޔާ ނެގޭ ވަރަށް ހިތްލާލެވުނީ. ދެން ނަގައިގެން ވަކިން އޭނަ ބޭއްވީ ތަނެއްގައި،"

މުހައްމަދު ފިރުޝާންގެ ގައިމައްޗަށް ވެއްޓުނު ސީލިންގެ ބައެއް: އެއީ ދަގަނޑު ފްރޭމަކުން ހަދާފައިވާ ސީލިންގެއް --

ސީލިންގް ދަށުން ފިރުޝާން ނެގުމަށްފަހު އޭނާ އަރިމައްޗަކަށް ރިކަވަރީ ޕޮޒިޝަންގައި ބޭއްވި އެވެ. އަދި ޖާޒީތަކާ އެއްޗެހިން ލޭ އަންނަމުން ދިޔަ ތަންތަނުގައި އެއްސި އެވެ. އޭރުވެސް ފިރުޝާންގެ ހޭ ހުއްޓެވެ. އޭނާ ވާހަކަވެސް ދެއްކި އެވެ.

އޭނާގެ ކަނާތު އަތާއި ފައި ހުރީ އެއް ތަނަށް ވުރެ ގިނަ ތަނުން ބިންދައިގެން ގޮސްފަ އެވެ. ބޮލުގެ ފަހަތާއި ނިތްކުރި ހުރީ ފަޅައިގެން ގޮސްފަ އެވެ.

"ކަށި ހުރި މަސްގަނޑު ފަޅާލާފަ ބޭރަށް ފެންނަން ހަމަ. ކަކޫ ހުޅު ކައިރިންނާއި ކުޑަ ހުޅު ކައިރިން،" ފިރުޝާންގެ ރައްޓެއްސަކު ކިޔައިދިނެވެ.

ވޯޓާ ވިލާގައި ތިބި ކުދިން އެންމެ ފުރަތަމަ ގުޅީ ގައްދޫ ފުލުހުންނަށެވެ. އޭރު ނަސީބަކުން ބައެއް ފުލުހުން ތިބީ ލޮނަދޫހުއްޓާ ޖެހިގެން އޮންނަ ފަޅު ރަށް، ލޮނުދޫގަ އެވެ. އެހެންކަމުން އެ ފުލުހުންނަށް ޑިންގީގައި އައިސް އަވަހަށް އެހީފޯރުކޮށްދެވުނެވެ.

ނަަމަވެސް، އެ ކުދިން ގައްދޫގެ ސީއެމްބިއުލާންސަށް ގުޅުމުން ފޯނު ނަގާފައެއް ނުވެ އެވެ. އެކަމާ ހެދި 15 ވަރަކަށް މިނެޓު ލަސްވި ކަމަށް ކުއްޖަކު ބުންޏެވެ.

"ފުރަތަމަ ފަހަރު ނުނަގާ ގުޅީމަ. ދެވަނަ ފަހަރުވެސް ނުނަގާ ގުޅީމަ. ތިން ވަނަ ފަހަރު ގުޅީ ގައްދޫ ހެލްތު ސެންޓަރާ ހަވާލުވެގެން ހުންނަ އިސްވެރިޔާއަށް،" ކުއްޖަކު ކިޔައިދިނެވެ.

ހާދިސާ ހިނގިތާ ގަޑިއެއްހާ އިރު ތެރޭގައި ސީއެމްބިއުލާންސްގައި ފިރުޝާން ގައްދޫ ސިއްހީ މަރުކަޒަކަށް ގެންދިޔަ އެވެ. އެތަނުގައި އޭނާގެ ގައިގައި ބެންޑޭޖު އަޅައި ހެދި އެވެ. ނަމަވެސް، އިތުރަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ފުރުވާލީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފިރުޝާންގެ އޮޕަރޭޝަންތަކެއް ކުރި އެވެ. ނަމަވެސް، އިތުރު ފަރުވާއަށް މިހާރު އޭނާ މާލެއަށް ވަނީ ފުރުވާލާފަ އެވެ. އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށްވެ އެވެ.

ފިރުޝާންއަކީ ސްކޫލު ނިންމާލުމަށްފަހު ގައްދޫ މަސް ދޯންޏަކުން މަހަށްދާ ކުއްޖެކެވެ. ފިރުޝާންގެ ރައްޓެހިން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް މަސައްކަތްތެރި، ހީވާގި، އަދި މަޖާ މިޒާޖެއްގެ ކުއްޖެކެވެ.

comment ކޮމެންޓް