އައްޑޫ ސިޓީގައި ކޮވިޑް ފެތުރިފައި ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން މާލެއިން އައްޑުއަށް ދިޔަ ބައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދުގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު މިއަދު ޕޮޒިޓިވްވުމުން ހިތަދުއާ ގުޅިފައިވާ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އޭގެ ކުރިން ކޭސްތަކެއް ފެނިގެން ހުޅުމީދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ހިތަދުއިން ޕޮޒިޓިވްވި ދެމީހުންނަކީ ވެސް އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެމީހުންނެވެ. އަދި ފްލޫ ކްލިނިކަށް ދައްކާފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ.
އައްޑޫ ސިޓީގެ މޭޔަރު މިރޭ "ސަން"އަށް ވިދާޅުވީ، ޕޮޒިޓިވް ކޭސްތައް ފެނުނު ގޮތަށް ބަލާއިރު، މިހާރު އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ޕޮޒިޓިވްވި މީހުންނަށް ބަލި ޖެހުނީ މާލެއިން އެޗްޕީއޭގެ ހާއްސަ ހުއްދަ ނަގައިގެން އައި ބަޔަކާ ކޮންޓެކްޓު ވެގެން ކަމަށް ބެލެވޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ހާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް ބޮޑަށް ބެލެވެނީ،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. ޔަގީންކަމާއެކު އެއްޗެއް ދަންނަވަން އެނގޭނީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމުމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައިވެސް ބޭނުންވާ އަސާސީ ތަކެތި އަދި އެބަ ހުރި ކަމަށާއި ޑޮކްޓަރެއް ދެއްކޭ އިންތިޒާމު ހުރިހާ ރަށެއްގައިވެސް ހުންނާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. އެހެންކަމުން އަދި ސިޓީގެ ހާލަތު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދުއިން ބަޔަކު ޕޮޒިޓިވްވެފައިވާއިރު، ވަކިން އޮންނަ ހުޅުމީދުއިން މިހާތަނަށް 18 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އެ ރަށަށް ބަލި ދިޔައީ މަސައްކަތަކަށް އެ ރަށަށް ގޮސް ކަރަންޓީނުވެގެން ތިބި ބައެއްގެ ފަރާތުންނެވެ.