މިއަދު 2575 މީހަކަށް ކޮވިޑް-19 ވެކްސިން ޖަހައިފި

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އެކަނި 2575 މީހަކަށް ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލޭގެ ހަ ވެކްސިނޭޝަން ސެންޓަރުން ޖުމްލަ 2015 މީހުންނަށް އަދި އަތޮޅުތެރޭގެ 14 ވެކްސިނޭޝަން ސެންޓަރުން 560 މީހަކަށް ވެކްސިން ޖަހާފައިވެ އެވެ.

މިއާއެކު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 6854އަށް އަރާފަ އެވެ. އެއީ މާލެއިން 5588 މީހުންނާއި އަތޮޅުތެރެެއިން 1266 މީހުންނެވެ.

މިއަދު 2575 މީހަކަށް ވެކްސިން ޖަހާފައިވާއިރު، އިއްޔެ ވެކްސިން ޖެހީ 1003 މީހުންނަށެވެ.

މިއަދު އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށި އިރު، ސޯޝަލް ސެންޓަރުގައި ވެކްސިން ކިއު ދިގުވެގެން، މާދަމާއަށް ވެކްސިން ޖަހަން އައުމަށް އެޗްޕީއޭއިން އެދެން ޖެހުނެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

comment ކޮމެންޓް