އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނެސް އިންސާފު ގާއިމުކުރުމުގެ މަގްސަދުގައި އަމިއްލައަށް މަސައްކަތްކޮށް ގެނައި ސަރުކާރުން އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމެއް ދީފައި ވަނީ އޭނާއަށް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މީގެ އެއް އަހަރު ކުރިން މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އެވެ.
އެ މައްސަލަ ހޫނުވެ، ޝިދާތާ މިނިސްޓަރު ކަމުގައި ހުންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ފާސްކުރި އެވެ.
މަގާމުން އިސްތިއުފާ ދެއްވިތާ އަހަރެއް ވުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، މި ސަރުކާރު ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކަށް އޭނާ ވާނެ ކަމަށެވެ.
"ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމުކުރަން. އެހެނަސް އަމިއްލަ ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމާ ކުރިމަތިލީ މީހަކަށް އަޅުގަނޑު ވާނެ،" ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި ވަކާލާތު ކުރެއްވި ކަމަށާއި މިއަދު އޭނާ މަގުމަތިކޮށް، ބާކީކޮށްފައި ހުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާނެ ހެން، ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ.
"އެހެނަސް ސިޔާސީގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް،" ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާގެ އިސްތިއުފާއަށް ގޮވަައި، މުޒާހަރާކޮށްފައި ވަނީ ހިޝާންގެ މައްސަލައިގެ އިތުރުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ.
އެ މުޒާހަރާތަކުގެ ތެރެއިން މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލުމުން އޭނާ ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާ ދީގެން ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ހުއްޓޭނެކަމުގެ ޔަގީންކަން ދޭނަމަ، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ޝިދާތާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވީ ފެންމަތިވަމުން ދިޔަ މައްސަލަތަކުގައި އިހުމާލެއް އޮތުމުން ނޫން ކަމަށާއި ނަމަވެސް، އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.