ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރު ކުރަނީ

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރު ކުރުމުގެ މަސައްކަތް މި އަހަރު ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

އެ ތިން ތަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ނިމުމުން، މިފްކޯއަށް ދުވާލަކަށް މަސް ގަނެވޭ މިންވަރު 61 ޕަސެންޓު އިތުރުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިމަސައްކަތް ނިމުމުން، މިފްކޯއަށް މަސް ގަނެވޭ މިންވަރު، ދުވާލަކަށް 61 އިންސައްތަ އިތުރުވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން މަސް ގަންނަ ވިޔަފާރީގެ ތެރެއަށް ވަނުމަށް އާންމުކޮށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓުކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާފައިވާނެ ކަމަށާއި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި، އެއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިއަދު ފާހަގަ ކުރެއްވި އެއް ކަމަކީ، ކޮވިޑު-19ގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމެވެ.

comment ކޮމެންޓް