އަބްދުﷲ ގާޒީގެ ޝަރީއަތް މިއަދު ވެސް ނުބޭއްވުނު

ސިފައިން ހައްޔަރުކޮށް ގިރިފުށީގައި ބަހައްޓާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނިންމިނިންމުން ބާތިލުކޮށްދިނުމަށް އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ސިފައިން އަބްދުﷲ ގާޒީ ހާޒިރުކޮށްނުދިނުމުން އެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ސިވިލް ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީއަތް މިއަދު 2:00 ގައި ބާއްވަން ޝެޑިއުލްކުރި ނަމަވެސް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށް ނުދިނުމުން ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ކަމަށެވެ.

އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމި ނިނިންމުން ބާތިލު ކުރުމަށް އަބްދުﷲ ގާޒީ ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ.

އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅުއެޅުން ފަސްކުރުމަށް ސިވިލްކޯޓުން ޖޭއެސްސީގެ މައްޗަށް އަމުރު ނެރުމުން ޖޭއެސްސީން ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އިސްތިއުނާފު ކުރިމައްސަލައިގެ ޝަރީއަތް ބޭއްވުމަށް މިއަދު ވެސް ހައިކޯޓުން ވަނީ މިއަދު 4:00 އަށް އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް މިއަދު ވެސް ސިފައިން އަބްﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދެއްވާފައެއް ނުވެ އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އެ މައްސަލައަކީ އެ ކޯޓުން ވަރަށް އަވަހަށް ނިންމަން ބޭނުންވާ މައްސަލައެއްކަމަށް ވާތީ އެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޯޓުން ކުރާނެ ކަމަށެވެ.

މި މައްސަލަ ބެލުމަށް އިއްޔެ 4:30 އަށް އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ކޯޓުން ކުރިއަމުރަށް ވެސް ސިފައިން ވަނީ ތަބާނުވެފަ އެވެ.

އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ގޮވާލައި ސުޕްރީމް ކޯޓުންނާއި ހައި ކޯޓުން ވަނީ ސަރުކާރާއި އަސްކަރިއްޔާގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރަށް ސަރުކާރުންނާއި އަސްކަރިއްޔާއިން ވަނީބީރު ކަންފަތެއްދީފަ އެވެ. އަދި އަބްދުﷲ ގާޒީ އަށް ގާނޫނު އަސާސީ އިންލިބިދީފައިވާ ވަކީލަކާ ބައްދަލު ކުރުމުގެ މިނިވަން ކަމަށް ވެސް ސަރުކާރުންވަނީ ނިގުޅައިގެންފަ އެވެ.

މިހާރު ލީކުވެގެން އުޅޭ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އޯޑިއޯ ރެކޯޑިންއެއްގައި ރައީސް ނަޝީދުވިދާޅުވެފައި ވަނީ މިވެރިކަމުގައި އަބްދުﷲ ގާޒީ އަށް ކޯޓަކާ 100 މީޓަރަށް ވެސް ކައިރިނުވެވޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު