އޭޑީކޭ ހޮސްޕިޓަލުގެ ލެބޯޓްރީތައް ހިންގަނީ ބައިނަލްއަގުވާމީ އުސޫލުތަކާއި، އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ޕީސީއާރު ލެބޯޓްރީ އޭޑީކޭ ހޮސްޕިޓަލުން ހިންގިއިރު އެތަނުން ހަދާ ޓެސްޓުތަކުގެ ފޯލްސް ނަތީޖާ ލިބުން އާންމުކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން އޭޑީކޭ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުން ގާއިމްކޮށްފައިވާ ޕީސީއާރު ލެބުތައް ހިންގަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށެވެ.
ޕީސީއާރު ޓެސްޓަކީ ކޮވިޑް19 ވައިރަސް ދެނެގަތުމަށް އެންމެ ސައްހަކަން ބޮޑު ޓެސްޓު ކަމަށާއި އެހެން ހުރިހާ ލެބް ޓެސްޓުތަކެކޭ އެއްގޮތަށް އެކި ސަބަބުތަކާހުރެ ނަތީޖާ ފޯލްސް ނެގެޓިވް ވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އެގޮތުން ވައިރަސް ހަށިގަނޑަށް އެރުމަށްފަހު ހިނގާފައިވާ މުއްދަތު ކުރުމުން، ސާމްޕަލް ނަގާއިރު ރަނގަޅަށް ސާމްޕަލް ނެގިފައި ނުވުން، ސާމްޕަލް ނެގުމަށްފަހު ލެބޯޓްރީއަށް ފޯރުމުގެ ކުރިން ބަހައްޓަންޖެހޭ ފިނިހޫނުމިން ހިފެހެއްޓިފައި ނުވުން އަދި ލެބޯޓްރީ އަށް ފޯރުމާ ދޭތެރޭ ހިނގާފައިވާ ވަގުތު ދިގުވުން ފަދަ ކަންކަމަކީ،" ނަތީޖާ ފޯލްސް ނެގެޓިވް ވެދާނެ ސަބަބުތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން އޭޑީކޭ އިން ބުނީ މާފަރުގައި ގާއިމްކޮށްފައިވާ ލެެބް ހިންގަން އޭޑީކޭ އާއި ހިލްސައިޑް ވިލާ ޕްރައިވެޓްލިމިޓެޑާއެކު [ސޮނޭވާ] އެއްބަސްވުމެއް އެކުލަވާލީ ހަ މަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އޭޑީކޭ އިން ލެބް ހިންގުން ދޫކޮށްލާ އެތަން ހިލްސައިޑް ވިލާ އާ ހަވާލުކޮށްފައިވާނެ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.
އަދި ބުނީ ލެބް ހިންގަމުން ދިޔައީ ޕސީއާރު ލެބެއް ހިންގަން ކަނޑައަޅާފައިވާ އުސޫލުތަކާ ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެތަނުގައި ހެދި ހުރިހާ ޓެސްޓެއް ހަދާފައިވާނީ ޓެސްޓު ކުރުމަށް ބޭނުންވާ ހުރިހާ ކޮންޓްރޯލެއް ބަރާބަރަށް ހިފަހައްޓައިގެން ކަމަށެވެ. އެތަނުގައި ކުރި ހުރިހާ ޓެސްޓެއްގެ ރެކޯޑު ފެންނަން ހުންނާނެ ކަމަށާއި އާންމުކޮށް ކޮލެޓީ ހިފެހެއްޓުމަށް ބަލާ ބެލުންތައް ބެލުމަށް ރެންޑަމްކޮށް އެހެން ލެބްތަކުގައި ވެރިފިކޭޝަން ޓެސްތު ކޮށްފައި ހުންނާނެ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ކޮލެޓީ އިމްޕްރޫވްމެންޓް ޑިވިޝަނުން އެތަނުގެ އިންސްޕެކްޝަންވެސް ހަދާފައިވާކަމަށާއި އެ ލެބް ހިންގުމުގެ ކޮންޓްރެކްޓް ހަމަވެ އޭޑީކޭ އިން ތަން ދޫކޮށްލިއިރު އެތަނަށް ގެންގޮސްފައި ހުރި ސާމްޕަލްތައްވެސް އެޗްޕީއޭ އާ ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މާފަރު ލެބާ ގުޅޭގޮތުން ސޮނެވާ އިން ބުނީ ސޮނޭވާ އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރު ލެބޯޓްރީ ބަންދުކުރީ އެތަން އަޕްގްރޭޑުކޮށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށްކަމަށެވެ.
އަދި ލެބްގެ ހިދުމަތް މެދުކަނޑާލާ ލެބް ބަންދުކުރީ މިދިޔަ ހަފްތާ ކަމަށައި އެއީ ކޮންމެ ދުވަހަކު ކުރާ ޓެސްތުތަކުގެ އަދަދު އިތުރުކުރުމަށް ލެބް އަޕްގްރޭޑު ކުރުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސޮނޭވާ އިން ބުނީ މާފަރު ލެބްގެ ހިދުމަތް ދެން ދޭނީ ކްރިސްޓަލް މެޑިކަލްސް ކިޔާ ކުންފުންޏަކުން ކަމަށައި ލެބް ހުޅުވާނީ ފެބްރުއަރީ ހަ ވަނަ ދުވަހު ކަމަށެވެ.