ފެބްރުއަރީ 14 އަކީ ދުނިޔޭގެ ގިނަ ބަޔެއްގެ ހަޔާތުގައި އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. ލޯބިވެރިންގެ ދުވަހެވެ. އެހެންނަމަވެސް މީގެ ނުވަ އަަހަރު ކުރިން އުމުރުން އެންމެ 19 އަހަރުގެ މަލްހާ ރަޝީދާ އެ ދުވަސް ބައްދަލުކުރީ ހިތްދަތި ކަމާ އެކު އެވެ. އޭނާގެ ހަޔާތަށް އެއީ ކަޅު ދުވަހެކެވެ.
ފުރަތަމަ ވަރުބަލިކަން
އައްޑޫގައި ގްރޭޑް 10އާ ހަމައަށް ތައުލީމު ހާސިލްކުރުމަށްފަހު 2010 ވަނަ އަހަރު މަލްހާ މެލޭޝިއާ އަށް ދިޔައީ އޭލެވެލް ފުރިހަމަކުރުމަށެވެ. އާންމުކޮށް މާ ބޮޑަށް ބަލިވެ ނޫޅުނަސް އަހަރުގެ ފަހުކޮޅަށް އައިސް މީހާ ގައިން ވަރުދޫވެ އަބަދުވެސް ކުޑަ ބަލިކަމަކާއި ހަނގުރާމަ ކުރަން ޖެހުނެވެ. އެކަމަކު ދުވަހެއްގެ ކޮޅުންވެސް މިއީ ފުރާނައަށް ނުރައްކާވާވަރުގެ ކަމަކަށް ވެދާނެއޭ ހީވެސް ނުކުރެ އެވެ.
ޖެހިގެން އައި އަހަރުގެ ފަހުކޮޅު އާދައިގެ މަތިން އޭނާ އެނބުރި ރާއްޖެއައީ މައިންބަފައިންނާއި އާއިލާ ކައިރިއަށް ޗުއްޓީއަށެވެ. އެހިސާބަށް އައިއިރު ހަށިގަނޑުގައި ހުންނަ މަޑު ރިހުންތަކާއި އަބަދުމެހެން ވެފައި ހުންނަ ވަރުބަލިކަމަކީ އޭނާއަށް އާންމުކަމަކަށްވެސް ވެއްޖެ އެވެ. އެހެންނަމަވެސް އާއިލާއާއި އެކު އައްޑޫގައި ހުއްޓާ "ޗިކަން ޕޮކްސް" ޖެހިގެން ފަރުވާކުރަންޖެހުނެވެ. ނަމަވެސް އެވަގުތު އޭނާ ދެއްކި އެތެރެ ހަށީގެ ޑޮކްޓަރަށް މިއީ އާދައިގެ ޗިކަން ޕޮކްސްއަކަށް ވުރެ ބޮޑު ކަމެއްކަން އެނގި އިތުރު ޓެސްޓްތަކެއް ހެދި އެވެ. އެ ޓެސްޓްތަކުން ޔަގީންވީ އޭނާ އަކީ ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމެވެ.
ތިން ފިރިހެން ކުދިންނަށްފަހު ލިބުނު އެންމެ ހަނގު އަދި ހަމައެކަނި އަންހެން ދަރިފުޅުގެ ގައިގައި މިހާ ނުރައްކާތެރި ބައްޔެއް ހުރިކަން ގަބޫލުކުރަން މައިންބަފައިންނަށް ކިތަންމެހާވެސް ދަތިވި އެވެ. އަވަސް ޖަވާބުތަކެއް ހޯދުމަށް ވަގުތުން އޭނާ ގޮވައިގެން އިންޑިއާ އަށް ފުރި އެވެ.
މަލްހާއަށް ވެސް އޭނާގެ ކިބައިގައި ކެންސަރު ހުރިކަން އޭރު ޔަގީނެއް ނޫނެވެ. އަލާމާތްތަކާއި ޑޮކްޓަރު ދެއްކި ބައެއް ވާހަކަތަކުން ހީއެއް ހިތުގައި އޮތަސް، މަޖަލަކަށް އެންމެ ގާތް ރަހުމަތެރިންގެ ގާތުގައިވެސް ބުނެވުނީ އޭނާއަށް މާ ބޮޑަށް ވިސްނެނީކަމަށެވެ.
އެހެންނަމަވެސް ހިތް ސިހިގެން ދިޔައީ އިންޑިއާގެ ޓްރިވެންޑްރަމްގެ ރީޖަނަލް ކެންސާ ސެންޓާގެ ނަންބޯޑު ފެނުމާއި އެކު އެވެ. ދެ ހަފްތާގެ ސްކްރީނިންއަށްފަހު އިންޑިއާގެ ޑޮކްޓަރުން މަލްހާގެ ގައިގާ "ސްޓޭޖް1 ގެ ބްލަޑް ކެންސަރު" ހުރިކަން ކަށަވަރުކޮށްދިނެވެ. ޑޮކްޓަރުން އެ ހަބަރު ދިން ވަގުތުކޮޅު މަލްހާގެ ހަނދާނުގައި މިއަދު ވީ ކަމެއްހެން އާވެ އާވެ އެބަ ހުއްޓެވެ.
" އަސްލު ހިޔެއް ނުވޭ ޑައިގްނޯޒްވިއިރު އަމިއްލައަށް ވިސްނުނު ހެނެއް މިއީ ކިހާވަރެއްގެ ކަމެއްކަމެއް. ކެންސަރަކީ ކިހިނެއްވާ އެއްޗެއްކަމެއްވެސް ނޭނގޭ. މި ޖެހުނު އެހެން މީހެއްވެސް ނޭނގޭ. އެކަމަކު އިންޑިއާއަށް ދިރިއުޅުން ބަދަލުވެ، އަބަދުމެހެން މަންމަމެން ރޯތަން ފެންނާތީ އެނގޭ ބޮޑުކަމެއް ވެގެންކަން މި އުޅެނީ. " މަލްހާ އޭނާގެ ސިކުނޑީގައި އޭރު އެނބުރުނު ހިޔާލުތައް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.
ކީމޯގެ ވޭން މަރުވާވަރުވޭ
މަލްހާ ސިފަކުރި ގޮތުގައި ފަރުވާގެ ފުރަތަމަ ދުވަސްކޮޅަކީ ވަރަށް ތަފާތު ދުވަސްތަކެކެވެ. ހިނިތުންވުމާ އެކު ފެނުނަސް މަލްހާ ބުނި ގޮތުގައި އޭނާގެ ހިތް ރޮ އެވެ. ދުވާލު ވަގުތު މީހުންނާ އެކު އުޅެވޭތީ މޫނު މަތިން ހިނިތުންވުން ދެއްކުނަސް، ރޭގަނޑުގެ އަދިރިކަމުގައި އެ ހިތްވަރެއް ނުހުރެ އެވެ. ހިތަށް އުނދަގޫވެ، އެތަށް ސުވާލުތަކަކުން މީހާ ވަށާލާ ހާސްކޮށްލަ އެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް އެވަގުތަކު ނޯވެ އެވެ.
ގައިގާ އަޅަމުން ދަނީ ކީމޯގެ ތަދާއި ވޭނެވެ. މަލްހާ އިހުތިޔާރުކުރީ އޯރަލް ކީމޯ އެވެ. ބުނެވޭ ގޮތުގައި މިއީ އައިވީ އާއި އިންޖެކްޝަނަށްވުރެ ބާރު ކުޑަ ގޮތެކެވެ. އެކަމަކު އޭނާގެ މުޅި ހަށިގަނޑު ބަދަލުކޮށްލަ އެވެ.
"ކީމޯގެ ފުރަތަމަ އަހަރު މިއިން ދުވަހަކު މީހާ ނުހިކޭ ވަރަށް ބަރުދަން ލުއިވި. މުޅި މޫނާއި ހަތަރެސްފައިގައި ޖެހި ރަތް ލަކުނުތައް ފޮރުވަނީ މޭކަޕުން. ނިޔަފަތިތައް ނޫފައިގެންފައި ހުންނައިރު އެކަން މީހުންނަށް ނުދައްކަން އުޅުނީ އަބަދު އިސްޓާކީނުގައި. ހިތަަށް އެރި ކެންސަރު ބަލީގައި މަރުނުވާނަމަ ކީމޯގެ މި ވޭނުގައި މަރުވީސް އޭ." މަލްހާ އޭނާގެ ކެންސަރު ދަތުރު ހިއްސާކުރި ޖޯނަލްގައި ލިޔެފައިވެއެވެ.
އަަހަރުތައް މަޑުމަޑުން ފާއިތުވަމުން ދިޔައިރު، މަލްހާ އަށް ހީވީ ފާއިތުވި ކޮންމެ ދުވަަހަކާއި އެކު އޭނާގެ ހަށިގަނޑުން ބައެއްވެސް އުނިވަމުން ދިޔަހެނެވެ. ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ދިރިއުޅުމައިގެން ކުރިއަށްދާތަން ފެނި އެ އުފާތައް ހިއްސާކުރިއަސް އަމިއްލަ ވޭނީ ދިރިއުޅުމުގައި އޭރު ޖެހިފައިވާ ފުލް ސްޓޮޕާއި އެކު އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ޔަގީންކަން ގެއްލި މީހާ ބާކީވިއެވެ.
" އަސްލު ވަރަށް ސްޓަބަން ކަންނޭގެ އޭރުވެސް. ބޭނުމެއް ނުވި ކަންނޭގެ ގަބޫލުކުރަން. ދެން މާ ބޮޑަށް ބަލިވެގެން އުޅޭކަށްވެސް ބޭނުމެއް ނުވޭ. ބޭނުންވީ އޮތިއްޔާ އޮތް ފަރުވާއެއް ހޯދައިގެންވެސް މިކަމުން ސަލާމަތްވާން. އެނބުރި ނޯމަލް ލައިފް އަކަށް ގޮސް އަސްލު ކިޔަވަން ފަށަން ބޭނުންވީ." މަލްހާ ކިޔައިދިނެވެ.
ހިނިތުންވުން އަނބުރާ ގެނެސްދިނީ ކިޔެވުން
ކެންސަރާ ދެކޮޅަށް މަލްހާ ކުރި ހަނގުރާމައިން ކިޔައިދެނީ އޭނާގެ ކެރުމާއި ހިތްވަރެވެ. ކެންސަރާއި ކުރި ހަނގުރާމައަށް ދާއިމީ ހައްލެއް ނުލިބޭނެކަން އެނގިހުރެވެސް އަމިއްލަ ނަފްސާއި ހަށިގަނޑުގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. ނުވިތާކަށް ކެންސަރު އޭނާގެ ދިރިއުޅުމުގެ މައްޗަށް އަތްގަދަ ކުރެވޭވަރަށްވުރެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އެކަމަށް ތައްޔާރުވެ ހުރުމަށް އޭނާ ބޭނުންވި އެވެ.
ބަލީގެ ފަރުވާއަށް އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭނާގެ އެދުމަކަށްވީ އެނބުރި ކިޔެވުން ފުރިހަމަ ކުރުމަށް މެލޭޝިއާ އަށް ފޮނުވައިދިނުމެވެ.
މަލްހާގެ ބަލި ހާލަތަށްޓަކައި އެ ވަގުތާއި ހަމައަށް އެކަމަށް އާއިލާއިން ފުރަގަސް ދިނަސް، ބައްޕަ ބޭނުންވީ މަލްހާގެ އެ އުންމީދު ހަގީގަތަކަށް ހަދައިދީ އޭނާ އުފާކޮށްދިނުން ކަމުގައިވާތީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން އޭނާ ކިޔަވަން ފަށައި މިއަދު ވަނީ އެކަން ހާސިލްވެސް ކޮށްފަ އެވެ.
އެހެން ނަމެވެސް ކެންސަރުގެ ފަރުވާއަށްޓަކައި ޗުއްޓީ އެއް ލިބޭއިރަށް އެނބުރި އިންޑިއާއަށް ދަތުރުކުރަންޖެހުނެވެ. އަދި މެދުނުކެނޑިި ފަރުވާގެ ކަންކަންވެސް ކުރިއަށް ގެންދަމުންގޮސް ފަހުން ބޭސްފަރުވާގެ ކަންކަން މެލޭޝިއާ އަށް ބަދަލުކުރި އެވެ.
ކިޔެވުން މަލްހާގެ އެ އަނދިރި ހަޔާތް އަލިކޮށްދިން އިރު، ޗުއްޓީ ދުވަސްކޮޅުވެސް ކެއްކުމާއި، އޮންލައިން ވިޔަފާރީގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅުމުން ބަލީގެ އެކަނިވެރިކަމާއި ހިތްދަތިކަމުން އޭނާ ދުރުކޮށްދިނެވެ. އެނބުރި އުފާވެރިކަން އޭނާގެ ހަޔާތަށް ގެނެސްދިނެވެ.
މަލްހާ ބުނާގޮތުން އޭނާގެ މައިންބަފައިންނާއި ބޭބެމެން އޭނާއަށްޓަކައި ވެދިން ގުރުބާނީ އަކީ އޭގެ އަގު ދުވަހަކުވެސް އެނާއަށް އަދާ ކޮށްދެވޭނެ ވަރުގެ ކަމެއް ނޫނެވެ. ކެންސަރަށް ކުރެވެން އޮތް އެންމެ މޮޅު ބޭސްފަރުވާއެއް އޮތިއްޔާ ކޮށްދީ، ކިޔަވައިދީ އަދި މިއަދު އަމިއްލަ ވިޔަފާރި އެއް ފެށުމުގައި ހަގީގީ ސިއްރަކީވެސް އެއީ އެވެ.
ޕެޓީސް، ހަޔާތަށް ގެނައި މަޑު ފިނިކަމެއް
މިއަދު ގިނަބަޔަކަށް މަލްހާ އެނގޭނީވެސް އޭނާ އާއި ފަހަރި ސައުދަތު ސޯލިހު ގޭގައި ތިބެ ފެށި ވިޔަފާރި ޕެޓީސް ގެ އޯނަރުންގެ ގޮތުގަ އެވެ. ޖެނުއަރީގައި ކައިވެންޏަށް މާލެ އައިސް ކޮވިޑް19 އާއި އެކު މާލޭގައި މަޑުކުރަން ޖެހުމުން ގޭގައި ފޫހިފިލުވަން ހަދަން ފެށި އައިސްކްރީމް މިއަދު މުޅި ސޯޝަން މީޑިއާގައި މިވަނީ އެއްރަހަ ކޮށްފަ އެވެ.
އެކި ތަފާތު ފްލޭވާ ތަކުގެ އައިސް ކްރީމް މިއަދު ޕެޓީސް އިން ލިބެން ހުންނައިރު، މި އައިސްކްރީމްގެ ހުރިހާ މަސައްކަތަކީވެސް ގޭގައި ދެމީހުންވެގެން ކުރާ މަސައްކަތެކެވެ.
މީގެކުރިން ދުވަހަކުވެސް ކެންސަރުގެ ހިތްދަތި ދަތުރުގެ ވާހަކަ މީހުންނަށް ކިޔައިދޭނެހާ ހިތްވަރެއް ނުލިބި ހުރެ އެ ވާހަކަތައް ކިޔައިދިނުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ޕްލެޓްފޯމްއަކީ ވެސް އޭނާގެ ޕެޓީސް އެވެ.
މިއަދު އުމުރުން 28 އަހަރުގައި ކެންސަރަކީ ކޮޮބައިކަން އަދި ކިހާވަރެއްގެ ކަމެއްކަން ވިސްނި މަލްހާ ބޭނުންވަނީ އޭނާފަދައިން މި ބަލީގައި ހަޔާތުގައި ދުވަސްތައް ގުނަމުންދާ ފަރާތްތަކަށް އެހީތެރިވެ އެކުގައިވާށެވެ.
އެހެންކަމުން ފަހަރިއާއި އެކު މިދިޔަ އަހަރު ފެށި ޕެޓީސްގެ އެހީގައި މަލްހާ މިވަނީ މިއަދަށް ހާއސަ ހަދިޔާއެއް އާންމުންނަށް ދޫކޮށްލައިފަ އެވެ. ޕެޓީސްއާއި، މިލްކް އެންޑް ޔޯކް، ހޯމް މޭޑް ބައި ލާރާ، އަދި ސާލި އާއި އެކު ތައްޔާރުކުރާ މި ހާޢްސަ ގިފްޓް ބޮކްސްއަކީ ދުނިޔޭގެ ކެންސަރު ދުވަހަށް ހާއްސަކޮށްގެން ވިއްކާ ހަދިޔާއެކެވެ.
މި ގިފްޓް ބޮކްސް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއަކީ އޭނާގެ ފަރާތުން ރާއްޖޭގައި ކެންސަރު ބައްޔަށް ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް އޭނާގެ ފަރާތުން ދޭ ކުޑަ އެހީއެކެވެ.
ހަތަރު އަހަރު ފަހުން ކެންސަރު އެނބުރި އަތުވެއްޖެ
މަލްހާގެ ކެންސަރަށް ދާއިމީ ފަރުވާއެއް ނެތެވެ. މި ފާއިތުވި ހަތަރު އަަހަރަށް ބޭސްފަރުވާގެ އެހީގައި ކެންސަރު ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެ ކެންސަރުގެ ފަރުވާ ޖެހުނީ މެދު ކަނޑާލާށެވެ. އެއާއެކު މިހާރު އަނެއްކާ ކެންސަރު ވެސް އެނބުރި އަތުވެއްޖެ އެވެ. ބަދަލު ނުވަނީ އެ ހިތްވަރެވެ.
މުޅި މި ކެންސަރުގެ ދަތުރުގައިވެސް އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާއާއި ފުރަތަމަ ބައްދަލުވި ދުވަހު އޭނާ ބުނި ކުޑަ ވާހަކައެކެވެ.
"މިހާރު ހަޒްބަންޑްއަކީ އަސްލު ލިބުނު އެންމެ ބޮޑު ނަސީބު. ދެމީހުން އަލަށް ބައްދަލުވި ދުވަހުވެސް މަލްގެ ވާހަކަ ކިޔައިދިނީމަ ބުނި، މަލްވަނީ އެހެން އެންމެނަށްހުރި އިންސްޕިރޭޝަން އަކަށޭ. އެދުވަހުއްސުރެ އަބަދުވެސް އަބަދުވެސް އެކަން ހަނދާނުގައި ހުރޭ" މަލްހާ ކިޔައިދނެވެ.
ތެދެކެވެ. އެހާ ހަނގުއުމުރުއްސުރެ މިފަދަ ބޮޑު ހަނގުރާމައެއްގައި ސާބިތުކަމާ އެކީ ކުރިމަތިލާ އެގޮތުގައި ދެމިހުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތަށް ހާސް ކެންސާ ޕޭޝަންޓުންވެސް ހަނދާން ކުރަންވީ ކަމަަކީ މިއީ އެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރު ކުރާށެވެ. އުންމީދާއި އެކު ދިރިއުޅުމާއި ކުރިމަތިލާށެވެ. އޭރުން ކެންސަރު ބަލި ކުރެވިދާނެ އެވެ. މަލްހާ އެ ދެނީ އެ އުންމީދެވެ. އެ މެސެޖެވެ.