މާފަރު ލެބް ބަންދުކުރީ ތަން އަޕްގްރޭޑު ކުރަން: ސޮނޭވާ

މާފަރު އެއާޕޯޓުގައި ގާއިމްކުރި ކޮވިޑަށް ޓޭސްޓުކުރާ ލެބް -- ފޮޓޯ: އޭޑީކޭ

ސޮނޭވާ އިން ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރު ލެބޯޓްރީ ބަންދުކުރީ އެތަން އަޕްގްރޭޑުކޮށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށްކަމަށް ސޮނޭވާ އިން ބުނެފިއެވެ.

އެ ލެބުން ކުރި ޓެސްޓުތަކެއްގެ ނަތީޖާ އޮޅި، ފޯލްސް ނެގެޓިވް ނަތިޖާ ދޫކުރެވުނު ކަމަށް އެތަން ބަންދުކުރީ އެ ސަބަބަބާ ހުރެ ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ.

ނަމަވެސް އެޗްޕީއޭ އިން ބުނީ އެފަދަ ޝަކުވާއެއް އެ އިދާރާ އަށް ނުލިބޭ ކަމަށެވެ. ނަމަވެސް މާފަރު ލެބްގެ އިންސްޕެކްޝަނެއް ކުރިއަށްގެންދާ ކަމަށާއި ލެބް ހިންގާ ފަރާތް ބަދަލުކުރުމުގެ ކުރިން ހެދި އެސެސްމެންޓުން ރަނގަޅު ކުރަން ހުރި ބައެއް ކަންތައް ފާހަގަވުމުން އެކަންތައް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

މާފަރު ޕީސީއާރު ލެބާ ގުޅޭގޮތުން ސޮނޭވާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ 2020 ޖުލައި 11 ގައި ހުޅުވި ޕީސީއާރު ލެބަކީ ޑަބްލިއުއެޗްއޯ އާއިހެލްތު މިނިސްޓްރީގެ ގައިޑްލައިންތަކަށް ފެތޭނެހެން ހިންގަމުންް ދިޔަ ތަނެއް ކަމަށެވެ. މީގެ އިތުރން މިދިޔަ ހަ މަސްވަންދެން އެތަން މެނޭޖުކުރީ އޭޑީކޭ ހޮސްޕިޓަލްސް އިން ކަމަށާއި އޭޑީކޭ އިންވެސް އެ ލެބް ސުޕަވައިޒް ކުރަމުން ދިޔަ ކަމަށެވެ.

އަދި ލެބްގެ ހިދުމަތް މެދުކަނޑާލާ ލެބް ބަންދުކުރީ މިދިޔަ ހަފްތާ ކަމަށައި އެއީ ކޮންމެ ދުވަހަކު ކުރާ ޓެސްތުތަކުގެ އަދަދު އިތުރުކުރުމަށް ލެބް އަޕްގްރޭޑު ކުރުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަޕްގްރޭޑިންގެ މަސައްކަތް ނިމި ހެލްތު މިނިސްޓްރީގެ އިންސްޕެކްޝަންވެސް މިހާރު ނިމިފައިވާކަމަށާއި ލެބްގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ލިބިފައިވާ ކަމަށް ސޮނޭވާ އިން ބުންޏެވެ.

ސޮނޭވާ އިން ބުނީ މާފަރު ލެބްގެ ހިދުމަތް ދެން ދޭނީ ކްރިސްޓަލް މެޑިކަލްސް ކިޔާ ކުންފުންޏަކުން ކަމަށައި ލެބް ހުޅުވާނީ ފެބްރުއަރީ ހަ ވަނަ ދުވަހު ކަމަށެވެ.

comment ކޮމެންޓް