ރާއްޖޭގައި މީހަކަށް ވެކްސިން ނުދޭނެ ހާލަތްތައް އާންމުކުރަން އަންގައިފި

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ޑޯޒް ހަމަނުކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށުގެ ގޮތުން އަމީނިއްޔާ ސުކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޖަހާ ހުރިހާ ވެކްސިންތައް ދިނުމުގެ ކުރިން ބަލާ ކޮންޓްރާއިންޑިކޭޝަންތަކުގެ މައުލޫމާތު ހޯދަން ހެލްތު މިނިސްޓްރީގައި އެދުނު އަމިއްލަ ފަރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އަންގަވައިފި އެވެ.

ކޮންޓްރާއިންޑިކޭޝަންތަކަކީ ފަރުވާއެއް ދިނުމުން އޭގެ ސަބަބުން ބަލި މީހާއަށް ލިބިދާނެ ގެއްލުމަކާ ހެދި އެ ފަރުވާއެއް ނުދޭ ހާލަތްތަކެވެ.

މިދިޔަ ޑިސެމްބަަރު މަހުގެ ތެރޭގައި އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު ޝިފާން ވަނީ، ރާއްޖޭގައި ޖަހާ ހުރިހާ ވެކްސިނެއްގެ ކޮންޓްރާއިންޑިކޭޝަން ހޯދަން އެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމެއް ހެލްތު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ މުއްދަތުގެ ތެރޭގައި ހެލްތު މިނިސްޓްރީއިން ފޯރުކޮށްދީފައި ނުވާތީ އަދި ބޭނުންވާ ހުރިހާ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ ޝިފާން ވަނީ އެ މައްސަލަ މިދިޔަ މަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން މިއަދު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވަނީ ދެ ފަރާތް ހާޒިރުކޮށްގެން އޮންލައިން އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމުގެ ކުރީކޮޅު ފިޔާޒު ވިދާޅުވީ، މައްސަލަ ހުށަހެޅި ފަރާތުންވެސް ރައްދުވާ ފަރާތުންވެސް ކޮވިޑް-19ގެ މި ހާލަތުގައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފި ނަމަ އަޑުއެހުމުގެ ލައިވް ފީޑު ކަނޑާލައްވާނެ ކަމަށެވެ.

އެ އަޑުއެހުމުގައި، މައްސަލަ ހުށަހެޅި ޝިފާން ބުނީ ހެލްތު މިނިސްޓްރީއިން ކޮންޓްރާއިންޑިކޭޝަންތަކުގެ މައުލޫމާތު ހިމެނޭ ލީފްލެޓުތަކެއް މައުލޫމާތު ދޭން ޖެހޭ މުއްދަތުގެ ފަހުން ދީފައިވާ ނަމަވެސް، އެއިން ރާއްޖޭގައި ޖަހާ ހުރިހާ ވެކްސިންތަކުގެ ކޮންޓްރާއިންޑިކޭޝަންތައް އެނގެން ނެތް ކަމަށެވެ. އޭގެން އެނގެން ހުރި މައުލޫމާތު އެދުނު މައުލޫމާތުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ މަދު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއިން މިއަދު ބުނީ، ލަސްވިޔަސް، ޝިފާނަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. ފޯރުކޮށްދިނީ ހުރިހާ މައުލޫމާތެއްތޯ ފިޔާޒު ސުވާލު ކުރުމުން ބުނީ، ކޮންޓްރާއިންޑިކޭޝަންތަކުގެ މައުލޫމާތަކީ އެ މިނިސްޓްރީއިން ނެރޭ ލީފްލެޓުތަކުގައި ފެންނަން ހުންނަ މައުލޫމާތު ކަމަށެވެ. އަދި އެއީ ފޮރުވައިގެން ގެންގުޅޭ މައުލޫމާތު ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓުންވެސް އެ މައުލޫމާތު ފެންނާނެ ކަމަށްވެސް ހެލްތު މިނިސްޓްރީއިން ބުންޏެވެ. އެކަމާ ގުޅިގެން ފިޔާޒު ފާހަގަކުރެއްވީ، އިނގިރޭސި ކިޔަން ނޭނގޭ މީހުންވެސް އުޅޭ ކަމެވެ.

"އަޅުގަނޑުގެ މާމަ ބޭނުންވެދާނެ ވެކްސިންތަކުގެ މައުލޫމާތު ޖަހާ ކޮބާތޯ އޭގެން ނުކުންނަ ނަތީޖާތަކަކީ. މާމައަކަށް ނޭނގޭނެ ޑަބްލިއުއެޗްއޯގެ ވެބްސައިޓު ބަލާކަށް. ކިހިނެއްތޯ މާމައަށް ލިބޭ މިންވަރު ކުރެވޭނީ؟" ފިޔާޒު އެއްސެވި އެވެ.

ހެލްތު މިނިސްޓްރީއިން ބުނީ ވެކްސިން ޖަހާއިރުވެސް، ވެކްސިންއާ ހެދި ދިމާވެދާނެ ކަންކަމުގެ މައުލޫމާތު ބެލެނެވެރިންނަށް ދޭނެ ކަމަށެވެ. އަދި ދިވެހި ބަހުން ހުންނަ ލީފްލެޓުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

އަޑުއެހުމުގައި ކޮމިޝަނަރު ފިޔާޒު ވިދާޅުވީ އެ މައްސަލައަކީ އިސްތިސްނާ އެއްވެސް ހާލަތަކަށް ފެތޭ މައްސަލައަކަށް ނުވާ ކަމަށާއި އެއީ ދޫކުރެވޭނެ މައުލޫމާތު ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތުތައް އެއްކޮށް، އަހުމަދު ޝިފާންއަށް ދިނުމަށް ކޮމިޝަނަރު ފިޔާޒު މިއަދު ހެލްތު މިނިސްޓްރީއަށް އަންގަވާފައިވެ އެވެ.

ރާއްޖޭގައިވެސް ވެކްސިން ޖެހުމާ ދެކޮޅަށް ބައެއް މީހުން ހަރަކާތްތެރިވެ އެވެ. އެގޮތުން، މިހާރު ޖަހަމުންދާ ކޮވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށްވެސް ބައެއް މީހުން އަޑުއުފުލަ އެވެ.

comment ކޮމެންޓް