ގްރޫޕް ކަސްރަތުތަކާއި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ޖެނުއަރީ 18، 2021: މާލޭ އެކުވެނީ ދުވާ ޓްރެކް-- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމުން، ކުރިއަށް އޮތް ދެ ހަފުތާއަށް ގްރޫޕް ކަސްރަތު އަދި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމުގައި ވަނީ އެ މުއްދަތުގައި ކުރިއަށްގެންދެވޭނީ އެކަނި ކުރާ ކަސްރަތުތައް ކަމަށެވެ.

އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރިވެވޭނެ އެވެ.

ހަމައެއާއެކު އެޗްޕީއޭއިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއް ވެސް އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލުކުރަން ވަނީ އަންގާފަ އެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ފެންނަ ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި އަށް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް 800 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އިއުލާންކުރި ކާފިއުގެ ވަގުތުތައް ވެސް އެޗްޕީއޭ އިން ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން މާދަމާއިން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ރޭގަނޑު 11:00އިން ފަތިހު 4:30އަށް ކާފިއު ވަގުތު އިތުރުކޮށްފައިވާއިރު، ރޭގަނޑު 8:30 އިން ފަތިހު 4:30އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ކުރިއަށް އޮތް ދެ ހަފުތާއަށް ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް