ކުރިއަށް އޮތް ދެ ހަފުތާއަށް ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި މުއްދަތެއް ނެތް ގޮތަށް ޕްރީ ސްކޫލްތައް ބަންދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
މިގޮތަށް ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދުތަކުގައި ފަހަކަށް އައިސް ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.
އެޗްޕީއޭ އިން ބުނީ ދެ ހަފުތާގެ މުއްދަތަކަށް ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފުތާގައި ބާއްވަން ވާނީ އޮންލައިންކޮށް ކަމަށެވެ.
އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރެކްޓިކަލް ހަރަކާތްތައް ބޭއްވޭނެ އެވެ.
މީގެ އިތުރުން ޕްރީ ސްކޫލްތަކާއި ޑޭކެއާ އަދި ނާސަރީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުން ފެންނަ ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި އަށް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް 800 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އިއުލާންކުރި ކާފިއުގެ ވަގުތުތައް ވެސް އެޗްޕީއޭ އިން ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން މާދަމާއިން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ރޭގަނޑު 11:00އިން ފަތިހު 4:30އަށް ކާފިއު ވަގުތު އިތުރުކޮށްފައިވާއިރު، ރޭގަނޑު 8:30 އިން ފަތިހު 4:30އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ކުރިއަށް އޮތް ދެ ހަފުތާއަށް ވަނީ މަނާކޮށްފަ އެވެ.