ފުރަތަމަ ދުވަހު 282 މީހުންނަށް ވެކްސިން ދީފި

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން: ރާއްޖޭގައި ބޭނުންކުރަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކު ވެކްސިން ޖަހައިފި އެވެ.

ރާއްޖޭގައި މިއަދު ދޭން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން އެވެ.

އެޗްއީއޯސީއިން ބުނީ މާލޭގައި ހުރި ހަ ވެކްސިން ސެންޓަރާއި އަތޮޅުތަކުގައި ހުރި ދެ ވެކްސިން ސެންޓަރުން މިއަދު 282 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

comment ކޮމެންޓް