އަބްދުﷲ ގާޒީ ހައިކޯޓަށް ހާޒިރުކުރުމަށް ތިން ވަނަ ފަހަރަށް ސިފައިންނަށް އަމުރުކޮށްފި

ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައިކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ސިފައިންނަށް ހައިކޯޓުން ތިން ވަނަ ފަހަރަށް އަމުރުކޮށްފި އެވެ.

ހައިކޯޓުގެ މީޑިޔާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހުންނެވި އަބްދުﷲ ގާޒީ މިއަދު ހަވީރު 4:00 އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިފައިނަށް މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ހައި ކޯޓުގައި ޖޭއެސްސީ އިސްތިއުނާފް ކޮށްފައި ވަނީ އެ ކޮމިޝަނުން އަބްދުﷲ ގާޒީއާ މެދު ސުލޫކީ ފިޔަވަޅެއް އެޅުމަށް ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާ އެކު އެނާއާ މެދު ފިޔަވަޅު އެޅުން ފަސްކުރަން ސިވިލް ކޯޓުން އަމުރު ކުރި މައްސަލަ އެވެ.

މި މައްސަލައިގެ ޝަރީއަތަށް އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ސިފައިންނަށް އެންގި އެވެ. ނަމަވެސް އެމްއެންޑީއެފުން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީއާ ބަދަލުގައި ވެސް މީހަކު ފޮނުވައި ދީފައި ނުވާތީ މައްސަލަ ވަނީ ކެންސަލް ކޮށްފަ އެވެ. ދެވަނަ ފަހަރަށް މައްސަލަ ޝެޑިއުލް ކުރީ އިއްޔެ އެވެ އިއްޔެ ވެސް އިސް ގާޒީ ހާޒިރުކޮށްދީފައިނުވާތީ މައްސަލަ ކެންސަލް ކުރީ އެވެ.

މި މައްސަލައިގައި ތިންވަނަ އަޑު އެހުމަކަށް އަލުން ޝެޑިއުލް ކުރި އިރު ގާޒީ އަބްދުﷲ މުހައްމަދާ އަސްކަރީ ބަންދުން މިނިވަން ކުރުމަށް ނުވަތަ އޭނާ އާމެދު ގާނޫނީ ދައުވާއެއް ކުރަންޖެހޭނަމަ އެ ދައުވާ ދައުވާ ކުރުމަށް އދ. ގެ ހިއުމަންރައިޓްސް އޮފީހުން ވަނީ ގޮވާލާފަ އެވެ.

އެ ގޮވާލުމާ ގުޅިގެން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އަބްދުﷲ ގާޒީ ހުންނެވީ އަސްކަރީ ބަންދެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަކުރުމުގައި ފުލުހުން އަސްކަރިއްޔާގެ އެހީ ހޯދި ކަމަށެވެ.

ޒުހައިރު ވިދާޅުވީ އދ. އިން ފާހަގަކޮށްފައިވާ ފަދައިން އަބްދުﷲ ގާޒީއާ ދެކޮޅަށް މިހާރުވެސް ހައިކޯޓްގައި ދައުވާ އުފުލާފައިވާ ކަމަށާއި ނަމަވެސް ކޯޓަށް ހާޒިރުކުރަން ކުރި އަމުރުތަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކޮށްފައި ނުވަނީ އެއީ އާއްމު ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ވިދާޅުވީ ކޯޓަކަށް ހާޒިރުވުމަށް އެއްވެސް މީހަކަށް އެންގުމުން އެމީހަކަށް ހާޒިވު ނުވެވޭފަދަ ގޮތެއް ދިމާވުމުން ޣައިރު ހާޒިރުގައި ވެސް ޝަރީއަތް ކުރެވޭނެ ކަމަށާއި އަބްދުﷲ ގާޒީގެ ޝަރީއަތް ވެސް އެގޮތަށް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

ޖޭއެސްސީ ން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ބުނެފައިވަނީ އަބްދުﷲ ގާޒީއާ މެދު ފިވަވަޅެއް ނޭޅިފައިވަނީ ސިވިލް ކޯޓުން ފިޔަވަޅު އެޅުން ފަސްކުރުމަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށެވެ.

ސަރުކާރު ހިންގާ އެމްޑީޕީން އަބްދުﷲ ގާޒީ ދޫކޮށްލައިގެން ނުވާނެ ކަމަށާއި އޭނާއަށް ޝާރީއަތްކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނަމުންދާއިރު އޭނާ މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. ސިފައިން ހައްޔަރުކޮށް އަބްދުﷲ ގާޒީ، ގިރިފުށީ ޓްރޭނިން ސެންޓަރުގައި ބަހައްޓާފައި ހުންނަތާ މިއަދަށް 14 ދުވަސް ހަމަވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު