ބައިޑެން އާއި ޕޫޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިިފި

ވޮޝިންޓަން (ޖަނަވަރީ 27) : އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖީން ބަސާކީ ވިދާޅުވި ގޮތުގައި ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ރަޝިއާއާއި އެމެރިކާގެ ގުޅުންތައް ހަރުދަނާ ކުރުމާބެހޭ ގޮތުންނާއި ނިއުކްލިޔާ ހަތިޔާރު މަދުކުރުމުގެ މުއާހަދާ ކަމަށްވާ "ސްޓާޓް" މުއާހަދާގެ މުއްދަތު އިތުރުކުރުމާ ބެހޭ ގޮތުންނެވެ. މި މުއާހަދާގެ މުއްދަތު އިތުރުކުރުމަށް ޓަކައި ދެގައުމުގެ ދެމެދުގައި ފަންނީ މަޝްވަރާތައް ތަޖްރިބާކާރުންގެ ފެންވަރުގައި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް ވައިޓް ހައުސް އިން ބުނެ އެވެ.

މިއީ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބައިޑެން ޕޫޓިން ފޯނުން ގުޅުއްވި ފުރަތަމަ ފަހަރެވެ. އޭގެކުރިން ބައިޑެން ވަނީ ރަޝިއާއާ މެދު ތިންކަމެއްގައި އެމެރިކާގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެ ރަޝިއާމެދު ނުރުހުން ފާޅުކުރައްވާފަ އެވެ. އެއީ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހައްޔަރުކޮށްފައިވުމާއި ރަޝިއާގެ ސައިބާ ޙަމަލާތައް އެމެރިކާއަށް އަމާޒުވުމާއި އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާ ސިފައިން މެރުމަށް ރަޝިއާއިން ހިއްވަރުދިނުން ކަމަށް ބައިޑެން ވިދާޅުވެފައިވެ އެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިންވަނީ ބައިޑެންގެ މި ކަންބޮޑުވުންތަކަށް ދެކޮޅުހަދައި ރަޝިއާގެ ބައެއް ފަރާތްތަކުން މުޒާހަރާކޮށް ހިންގަމުން ގެންދާ ހަމަނުޖެހުންތަކަށް އެމެރިކާ ހިއްވަރުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ. މިއީ ރަޝިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުންކަމަށްވެސް ރަޝިއާގެ ޚާރިޖީ ވުޒާރާ އިން ވަނީ ސިފަކޮށްފަ އެވެ.

ނަވަލްނީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފުވެފައިވާ މައްސަލައެއްގައި ކަމަށް ރަޝިއާއިން ބުނެ އެވެ. ރަޝިއާ އިން އެމެރިކާއަށް ސައިބާ ޙަމަލާތައް އަމާޒުކުރާކަމުގެ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައިނުވާއިރު އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާ ސިފައިން މެރުމަށް ރަޝިއާއިން ހިއްވަރުދޭކަމަށް ބައިޑެން ކުރައްވާ ތުހުމަތުތަކަކީ ކުރިން ވެސް އެމެރިކާ ތުހުމަތުކޮށްފައިވާ އަސާސެއްނެތް ތުހުމަތުތަކެއް ކަމަށް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.

އެމެރިކާއަކީ ރަޝިއާ އެގައުމަށް ކުރިން ނިސްބަތްވި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިން އަފްޣާނިސްތާނަށް އަރައިތިބި ދުވަސްވަރު ރަޝިއާ ސިފައިން މެރުމަށް އަފްޣާނިސްތާނުގެ ހަނގުރާމަވެރިންނަށް އެންމެ ބޮޑަށް ހިއްވަރުދީ އެކަމަށް ފައިސާ ޚަރަދުކޮށް ހަނގުރާމަވެރިންނަށް ތަމްރީން ދިން ގައުމެވެ. ސޮވިއެޓް ޔުނިޔަންގެ ސިފައިން މެރުމަށް އެމެރިކާއިން ތަމްރީނާއި ފައިސާ ދިން އަފްޣާން ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިންނާއި އެދުވަސްވަރު އެމެރިކާގެ އެހީއާއެކު އަފްޣާނިސްތާނަށް ވަދެގަތް ބޭރުގެ ހަަރުކަށި ހަނގުރާމަވެރިން ފަހުން ބަދަލުވެފައި ވަނީ އަލްގާއިދާގެ ހަނގުރާމަވެރިންނަށާއި ތާލިބާން ހަނގުރާމަވެރިންނަށެވެ.

ދެހާސް އެއް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއަށް ޓެރަރިސްޓް ޙަމަލާތައް ދިންކަމަށް އެމެރިކާ ބުނާ އަލްގާއިދާގެ ހަނގުރާމަވެރިންނަކީ ސޮވިއެޓް ޔުނިޔަންގެ ސިފައިން މެރުމަށް އަފްޣާން ބިމުގައި އެމެރިކާ ތަމްރީންދިން ހަނގުރާމަވެރިންނެވެ. މި ހިތި ހަގީގަތް އެމެރިކާއަށްވަނީ ގަބޫލުކުރަންޖެހިފަ އެވެ.

ނުރައްކާތެރި އައިއެސް ޖަމާއަތް އުފެދިފައި ވަނީ ސޮވިއެޓް ޔުނިޔަންގެ ސިފައިން އަފްޣާނިސްތާނަށް އަރައިތިބި ދުވަސްވަރު އެމެރިކާ ތަމްރީންދިން އަލްގާއިދާގެ ހަނގުރާމަވެރިންގެ ތެރެއިންނެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)

comment ކޮމެންޓް