ތުނބުޅި ދިގުކުރުމުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދޭން އަންގައިފި

ހައިކޯޓު --- ސަން ފޮޓޯ

ތުނބުޅި ދިގުކޮށް، ފަޓުލޫނުގެ ފައިކުރި ހުންނަންޖެހޭ ވަރަށް ވުރެ ކުރުކޮށް ހުރުމާ ގުޅިގެން އިމިގްރޭޝަންގެ ވަޒީފާއިން ވަކިކުރި ހަތަރު މީހަކަށް އަލުން ވަޒީފާ ދޭން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމް މިންގަނޑާއި ހިލާފުވެފައިވާ ކަމަށާއި އަދި ޔުނީފޯމް މިންގަނޑާއި އެއްގޮތަށް އަމަލުނުކުރާތީ ކަމަށް ބުނެ ޑިސެމްބަރު 2016ގައި ވަޒީފާއިން ވަކިކުރީ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސައީދު މުހައްމަދު، އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރު ހުސައިން މުހައްމަދު، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އިސްހާގް އިބްރާހީމް އަދި އިމިގްރޭޝަން އޮފިސަރު ހުސައިން ޝިހާމް އެވެ.

އެމީހުން ވަޒީފާއިން ވަކިކުރީ ޔުނިފޯމު ގަވާއިދުގައި ބުނާފަދައިން ޓްރިމަރުގެ ތިލައިގެ 3ގައި ތުނބުޅި ނެތުމުންނާއި ފައިކުރި ހުންނަންޖެހޭވަރަށް ވުރެ ކުރުކޮށް ހުރުމުންނެވެ. އަދި އިސްލާހުކުރަން ދިން ފުރުސަތުގައި އިސްލާހުކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ.

އެމީހުން ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާއި، ސިވިލް ސާާވިސްގެ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގައި ރިއާޔަތްކޮށްފައިވަނީ ގާނޫނުއަސާސީއާ ވަޒީފާއާބެހޭ ގާނޫނާ ހިލާފު ބާތިލް އުސޫލެއްގެ މައްޗަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތްތަކާމެދު މޯލްޑިވްސް އިމިގްރޭޝަން އިން ތަފާތު ކޮށްފައިވާތީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށާއި މައްސަލަ ހުށަހެޅި ފަރާތްތަކަކީ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންތަކެއްކަމުގައި ނުބެލުމަށާއި އެ ފަރާތްތަކުން އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށް އަންގައި އަމުރު ކޮށްދިނުމަށް އެދި އެމީހުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

އަދި މައްސަލަ ހުށަހެޅި ފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކުން އުނިކުރި އެންމެހާ ފައިސާ ހަތް ދުވަސްތެރޭ އެކީ އެއްފަހަރާ ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މައްސަލަ ހުށަހެޅި ކޮންމެ ފަރާތަކަށް ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ ނަގައިދިނުމަށާއި، އަދި ވަޒިފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލަށް ފެންނަ އަދުލުވެރި ބަދަލެއް ނަގައިދިނުމަށް ވެސް ޓްރައިބިއުނަލްގައި އެދުނެވެ.

ނަމަވެސް އެ މައްސަލައިގައި ޓްރައިބިއުނަލް އިން ނިންމީ، އެ ފަރާތްތަކުން އެދިފައިވާފަދަ އެއްވެސް އަމުރެއްކުރާނެ ތަނެއް ނެތްކަމަށެވެ. އެއާއެކު ޓްރައިބިއުނަލްގެ ނިންމުން ހަތަރު މީހުންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވަނީ، އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް އަމަލުކުރުމަށް އަންގައި ހުރިހާ މުވައްޒަފުންނަށް އިމިގްރޭޝަނުގެ ކޮންޓްރޯލާސް ބިއުރޯއިން މެއި 2016 ގައި އޮފީސް މެމޯއެއް ފޮނުވާފައިވާކަން އެނގޭ ކަމަށެވެ. އަދި އެ މެމޯ ފޮނުވީ އިމިގްރޭޝަނުގެ މުވައްޒަފުންގެ ޔުނިފޯމު މިންގަޑާއި ހިލާފަށް، ބޮލާއި ތުނބުޅި އަދި ފަޓުލޫނު ފައިކުރި ހުންނަކަމަށް ފާހަގަކުރެވިގެންކަމަށް މެމޯގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ފަހުން އެ މިންގަނޑަށް އަމަލުނުކުރާ މުވައްޒަފުންނަށް، ޔުނީފޯމު ރަނގަޅު ކުރުމަށް މުހުލަތެއް ދީ އިތުރު އެންގުމެއް ފޮނުވި އެވެ. އޭގެ ތެރޭގައި މި މައްސަލައިގައި ހިމެނޭ ހަތަރު މީހުން ވެސް ހިމެނެ އެވެ.

އެ ލިޔުން ފޮނުވާފައިވަނީ ބޮލުގެ އިސްތަށިގަނޑު، ތުނބުޅި އާއި މަތިމަސް އަދި ފަޓްލޫނުގެ ފައިކުރި ޔުނިފޯމުގެ މިންގަނޑަށް ނުހުންނަ މުވައްޒަފުންނަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިފަރާތްތައް އިސްލާހުކުރަންވީ ޔުނިފޯމު މިންގަނޑުގެ ކޮންކަމެއްކަން ސާފުކޮށް އެލިޔުމުން އެނގެން ނެތްކަމާއި އަދި އެލިޔުމަށް ބަލާއިރު އިސްލާހުވާން ދެވޭ އެފުރުސަތު ދެވުނު ތާރީހެއް ލިޔުމުގައި ބަޔާންކޮށްފައި ނުވާކަން ވެސް ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ސައީދު މުހައްމަދަކީ 09 ސެޕްޓެމްބަރު 1991 އިން ފެށިގެން އިމިގްރޭޝަންގައި ވަޒީފާ އަދާކުރަމުން އައިސްފައިވާ ފަރާތެއްކަމަށާއި އަދި ހުސައިން ޝިހާމު
އޮކްޓޫބަރު 2009 އިން ފެށިގެން އިމިގްރޭޝަންގައި ވަޒީފާއަދާކުރަމުން އައިސްފައިވާ ފަރާތެއް ކަމަށްވާއިރު 2012ގައި އެކުލަވާލެވުނު އިމިގްރޭޝަންގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލުމުގެ މާކުރިންވެސް ކީރިތި ރަސޫލާގެ ސުންނަތާއި އެއްގޮތަށް ތުނބުޅި ބަހައްޓަމުން
އައިސްފައިވާ ފަރާތަކެއް ކަމަށް ބުނެފައިވެ އެވެ.

އަދި ހުސައިން މުހައްމަދުއާއި އިސްހާގް އިބްރާހީމް އިމިގްރޭޝަންގެ ވަޒީފާއާ ގުޅިފައިވަނީ އޮގަސްޓް 2013ގައި ކަމަށްވާއިރު އެ ދެމީހުން
ވަޒީފާއަށް ވަންއިރުވެސް ތުނބުޅި ބަހައްޓަމުންދާކަމަށް ބުނެފައިވާއިރު، މިފަރާތްތައް ވަޒީފާއިން ވަކިކުރުމާ ހަމައަށްވެސް ޔުނިފޯމު މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތްކަން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދު ގެ 271 ވަނަ މާއްދާގައި ބުނާފަދަ ވަޒީފާގެ ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިސްލާޙުނުވެ ތަކުރާރު ކޮށްފިކަމުގައިވާނަމަ އެފަރާތެއް ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެން އޮވެއެވެ.

އަދި ހަތަރު މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނީ 1ސެޕްޓެންބަރު 2016ގައި އަމަލުކުރަންފެށި އިމިގްރޭޝަނުގެ އޮފިސަރުންގެ ޔުނިފޯމު ގަވާއިދާ އެއްގޮތަށް އެފަރާތްތައް އަމަލުކޮށްފައި ނުވާތީ އެ އަސާސުގެ މައްޗަށް ބަލައިގެންކަން ސާފުކޮށް އެނގެން އޮވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ މޯލްޑިވްސް އިމިގްރޭޝަނުގެ ޔުނިފޯމް މިންގަނޑާއި ހިލާފުވެގެން އެންމެ ފުރަތަމަވެސް އެފަރާތްތަކަށް ފިޔަވަޅެއް އެޅިކަމަށް ފެންނަން އޮތީ "ޔުނިފޯމް މިންގަނޑާއި ގުޅިގެން މުވައްޒަފުންނަށް އިސްލާހްވުމަށްދޭ ފުރުސަތު"ގެ ނަމުގައިވާ ލިޔުންކަން އެނގޭ ކަމަށެވެ.

ނަމަވެސް އެ ލިޔުމުގައި އެފަރާތްތައް އިސްލާހްކުރަންވީ ކަނޑައެޅިގެން ކޮން ކަމެއްކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާކަން ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އަދި އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ އަދުލުވެރި ސަބަބެއް އޮވެގެން ނިންމި ނިންމުމެއްކަމަށް އަދި މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ސައްހަކަމަށް ބެލެވެން ނެތް ކަމަށެވެ.

އަދި މައްސަލަ އިސްތިއުނާފުކުރި ފަރާތްތައް ވަޒިފާއިން ވަކިކޮށްފައިވާ ނީ، ސިވިލް ސާވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ސިވިލް ސާވިސްގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުމަށްފަހުގައިކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެހެންކަމުން، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްފައިވާ ކަމަށް ނުފެންނަ ކަމަށް ހުކުމްގައިވެ އެވެ.

އަދި މައްސަލަ އިސްތިއުނާފްކުރި ފަރާތްތައް ވަޒީފާއިން ވަކިކުރިއިރު ތިބި ވަޒީފާތަކަށް އިއާދަކޮށްދިނުމަށް އެދިފައިވާއިރު އެވަޒީފާ ތަކަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނެ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން އެފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމައި ލިޔުން ދޫކުރި ތާރީހުން ފެށިގެން މުސާރައާއި އިނާޔަތް ނަގައިދިއުމަށް ހުކުމްގައި ވެއެވެ.

އަދި އެފަރާތްތައް ވަޒީފާއިން ވަކިކުރިކަން އަންގައި ލިޔުން ދޫކުރި ތާރީހާ ހަމައަށް އެފަރާތްތައް ތިބި ވަޒީފާ ނުވަތަ އެވަޒީފާއާ އެއްފެންވަރުގެ އެހެން ވަޒީފާއަކަށް ރުޖޫއަކުރުމަށް ވެސް ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަރާތްތައް ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި، 1 ސެޕްޓެންބަރު 2016 އިން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހަކާ ހަމައަށް، ލިބޭނެ މުސާރައާއި އިނާޔަތްތައް ދޭންޖެހޭކަމަށް ފެންނަ ކަމަށެވެ.

އަދިއެ ފަރާތްތަކުގެ ވަޒީފާގެ ކަންކަން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސުމަށްފަހު، އެކަން ހަތް ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް މައްސަލަ ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް