17،500 މީހުންނަށް އިންކަމް ސަޕޯޓަށް 252 މިލިއަން ދީފި

މާލޭގެ ބާޒާރު ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 17,535 މީހަކަށް 252.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއީ 21 ޖެނުއަރީ 2021ގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާ މިންވަރެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

މިހާރު މި އެލަވެންސްގެ ތިންވަނަ ބުރެއް ވަނީ ތައާރަފު ކޮށްފަ އެވެ. އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ހަމަވެފައިވައިރު ޑިސެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މި ޖެނުއަރީ މަހުގެ ނިޔަލަށް އޮންނާނެއެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނާނެ އެވެ.

comment ކޮމެންޓް