61 ކިލޯ ޑްރަގް: އިސް މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އިން ބުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިއަދު ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ނަމަކަށް ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައި ގައި ތުހުމަތުވާ 11 މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ މޭ މަހު އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.ީ

އެ މައްސަލާގައި ހައްޔަަރު ކުރި މީހުންނަކީ:

  1. މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
  2. މއ. ބޮއިލިންފިޝް، އަހްމަދު ވިސާމް
  3. މ. މާކޮޅު، މުހައްމަދު މާއިޝް
  4. މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
  5. ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
  6. މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
  7. ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
  8. މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
  9. މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
  10. މއ. ވިރާހް، މުހައްމަދު ޝާމިން
  11. މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު

މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި ކަމަށް ތުހުމަތު ކުރަނީ މއ. ބޮއިލިންގފިޝް، އަހްމަދު ވިސާމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާ ޕީޖީ އޮފީހުން އިއްޔެ ބުނީ އަދި ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ ވެސް އޭނާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައްސަލައިގައި ދެން ހިމެނޭ 10 މީހުންގެ މައްޗަށް ވިސާމްގެ އިތުރުން އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ 10 މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ހޯދި އެވެ.

comment ކޮމެންޓް