އެމެރިކާގެ ފެޑްރަލް ޕްރޮސެކިއުޓަރެއްގެ މަގާމަށް މުސްލިމް އަންހެނަކު އައްޔަންކޮށްފި

ސާއިމާ މުހްސިން --

ވޮޝިންޓަން (ޖަނަވަރީ 26) އެމެރިކާގެ ފެޑްރަލް ޕްރޮސެކިއުޓަރެއްގެ މަގާމަށް މުސްލިމް އަންހެނަކު އައްޔަންކޮށްފިއެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މިޝިގަން ސްޓޭޓްގެ ފެޑްރަލް ޕްރޮސެކިއުޓަރެއްގެ މަގާމަށް އައްޔަންކުރީ ޕާކިސްތާނުގެ އަންހެނެއް ކަމަށްވާ އަމުރުން 52 އަހަރުގެ ސާއިމާ މުހްސިން އެވެ. ސާއިމާއަކީ ޕާކިސްތާނުން އެމެރިކާއަށް ހިޖްރަކުރުމަށްފަހު އެމެރިކާގެ ރަށްވެހިކަން ހޯދައިގެންއުޅޭ މީހެކެވެ. އޭނާ 2002 ވަނައަހަރު މިޝިގަންގައި އަމިއްލަ ލޯ ފާމެއް ހުޅުވައިގެން ގާނޫނީ ދާއިރާގައި އަމިއްލަ މަސައްކަތްވެސް ކުރައްވާފައިވެއެވެ.

އެއަށްފަހު ނިއުޖާސީގެ ސްޓޭޓް ޕްރޮސެކިއުޓަރުގެ ނައިބުކަމާއި ނިޔުޔޯކްގެ މެންހާޓަން ސަރަހައްދުގެ ސްޓޭޓް ޕްރޮސެކިއުޓަރުގެ އެހީތެރިޔާގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އެމެރިކާގެ ޖަސްޓިސް މިނިސްޓްރީ ބުނާގޮތުން މިޝިގަންގައި ހުންނަވާ ފެޑްރަލް ޕްރޮސެކިއުޓަރެއްގެ މަގާމަށް ސާއިމާ މިހާރުވަނީ ހަމަޖައްސާފައެވެ. އޭނާ ވަޒީފާ އަދާކުރައްވާނީ މިޝިގަންގައި ހުންނަ ފެޑްރަލް ޕްރޮސެކިއުޓަރުގެ އޮފީހުގައެވެ. މަސައްކަތަށް ނުކުތުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މިޝިގަންގައި ފެޑްރަލް ޕްރޮސެކިއުޓަރެއްގެގޮތުން ސާއިމާ ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އާންމުކުށްތައް ޕްރޮސެކިއުޓް ކުރުމުގެ މަސައްކަތްތަކާއި މަސްތުވާތަކެތީގެ ކުށްތައް ޕްރޮސެކިއުޓް ކުރުން ހިމެނެއެވެ.

އެމެރިކާގެ ދޮން ނޫން ނަސްލުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ފެޑްރަލް ސަރުކާރުންނާ އަދި ސްޓޭޓްތަކުގެ ސަރުކާރުގެ ވަޒީފާތަކުން މަދުމަދުން ފުރުސަތު ލިބުނުނަމަވެސް ދޮންނޫން ނަސްލުތަކުގެ މީހުންނަށް އެފަދަ މަގާމުތައް ލިބެނީ ދޮންމީހުންނަށް އެފަދަ މަގާމުތަށް ލިބޭ ނިސްބަތަށްވުރެ ކުޑަކޮށެވެ.

ތަފާސްހިސާބުތަކާބެހޭ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ފެޑްރަލް ސަރުކާރުންނާ އަދި ސްޓޭޓްތަކުގެ ސަރުކާރުގެ ވަޒީފާތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާ ކުރަނީ ދޮން ނަސްލުގެ މީހުންނެވެ. ނަމަވެސް އެމެރިކާގެ އާބާދީގައި ދޮން ނަސްލުގެ މީހުންގެ އިންސައްތައަކީ ގާތްގަނޑަކަށް 60 އިންސައްތައެވެ. އަނެއް 40 އިންސައްތައަކީ ކަޅުނަސްލާއި އޭޝިއާގެ ނަސްލާއި ޗައިނީސް ނަސްލާއި ލެޓިން އަދި އެނޫން ނަސްލުތަކުގެ މީހުންނެވެ.

އެމެރިކާގެ މިޝިގަން ސްޓޭޓަކީ ޕާކިސްތާން ދަރިކޮޅުގެ ނަސްލުގެ މީހުން ގިނަ ސްޓޭޓެކެވެ. ސާއިމާ މުހްސިންވަނީ އެމެރިކާގެ ފެޑްރަލް ޕްރޮސެކިއުޓަރެއްގެ މަގާމި ލިބުމުން އުފާވާކަމާއި އެއީ ޝަރަފެއްކަމަށް ވިދާޅުވެފައެވެ. ސާއިމާއަށް އެމެރިކާގެ ފެޑްރަލް ޕްރޮސެކިއުޓަރުކަން ލިބިފައިމިވަނީ އެމެރިކާގެ ހަރުކަށި ފިކުރުގެ ދޮން ނަސްލުގެ މީހުން އެެހެން ނަސްލުތަކުގެ މީހުންނާ ދިމާކޮށް ނަސްލީ އިމްތިޔާޒުގެ ރޫހުގައި ދޮންމީހުންގެ ހަރުކަށި ޖަމާއަތްތަކުގެ ހަރަކާތްތައް ވަރަށްބޮޑަށް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް