އުމަރު ހައްޔަރު ކުރުމުގެ އަމުރު ނުދިން މައްސަލަ އިސްތިއުނާފުކޮށްފި

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިނުމުން ފުލުހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މިރޭ 9:10 އެހާކަންހާއިރު އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ފެށުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ ވަނީ މައްސަލަ ހުށަހެޅުމަށް ޕީޖީގެ ވަކީލަށް ފުރުސަތު ހުޅުވާލާފަ އެވެ.

މައްސަލަ ހަޅުއްވަމުން ޕީޖީގެ ވަކީލު މަހާޒު އަލީ ޒާހިރު ވިދާޅުވީ "ޖެނުއަރީ 23، 2011 ދުވަހުގެރޭ އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާކުރި މީހުންނާއި މުޚާތަބުކޮށް..." މިހެންނެވެ. މި ހިސާބުން ޝަރީއަތުންވަނީ ވާހަކަފުޅު ދެއްކެވުން ހުއްޓާލުމަށް އަންގާފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޕީޖީގެ ވަކީލު މަހާޒު ވަނީ ޝަރީއަތުގެ މަޖިލީސް ސިއްރުން ބާއްވައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޕީޖީން އެގޮތަށް އެދުމުން ހައިކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން މަޝްވަރާކުރުމަށްފަހު ނިންމީ ޝަރީއަތުގެ މަޖިލިސް ސިއްރުން ކުރިޔަށް ގެންދިއުމަށެވެ.

ފަހުން ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް ވަންދެން އާންމުންނާއި ނޫސްވެރިން ނުލައި ސިއްރުން ކުރިޔަށްގެންދިޔަ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ޝަރީއަތް ނިންމަވާލެއްވީ ކަމަށާއި ދެންއޮންނާނީ ނިޔާކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން ކޯޓަށް ވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު އަދި ފުލުހުންގެ ލީގަލް ޓީމްގެ ބޭފުޅެކެވެ.

އުމަރު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ ކޮންމައްސަލައަކާއި ގުޅިގެންކެއް އަދި އެނގިފައި ނުވެއެވެ.

އެމްއެމްއޭ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހާތަކުގައި އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުޒާހަރާގެ ހަރަކާތަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެގޮތުން ރައީސް އޮފީހުގެ ކުރިމަތީގައި އާއި ސަފީރުން ވަޑައިގަންނަވާއިއިރުގަ އާއި އެނޫން ވެސް ވަގުތުތަކުގައި ކުއްލިކުއްލިއަށް ގެންދާ ހަރަކާތަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާނެ 2000 މީހުންގެ ގުރޫޕެއް އުފައްދާނެ ކަމަށާއި އެ 2000 މީހުން 30 މީހުންގެ 30 ޔުނިޓަށް ބަހާލައި ހަރުގަނޑުތަކަކުން 15 ފޫޓުގެ އުސް ފާރެއްގެ މަތިން އަރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު