ކޮވިޑް ޖެހުނު އަދަދު 100 މިލިއަނަށް، އެމެރިކާއިން އެކަނި 25 މިލިޔަން މީހުންނަށް

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (ޖަނަވަރީ 25) : ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100 މިލިޔަނަށް އަރަން ގާތްވެފައިވާއިރު އޭގެތެރެއިން ހަތަރުބައިކުޅަ އެއްބައަކީ އެމެރިކާއިން އެރޯގާ ޖެހުނު މީހުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ޖޯން ހޮޕްކިންޒް ޔުނިވާސިޓީ ގެ ތަފާސް ހިސާބުތައް ބުނާގޮތުން ދުނިޔޭގައި ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓްކުރި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަށް އެބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 26 މިލިޔަނާ ގާތްވެފައިވާއިރު އެރޯގާގައި އެމެރިކާއިން މަރުވި މީހުންގެ އަދަދުވަނީ 4 ލައްކަ އަށްވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާމީހުންގެ އަދަދު 4 ހާހަށް ވުރެ މަތިވަމުންދާއިރު މިއީ ފެޑްރަލް ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންވަނީ ވިދާޅުވެފައެވެ. އަވަސްގޮތަކަށް ކޮވިޑް ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެމެރިކާގެ އިގްތިސާދު އިނދަޖެހުމުގެ ބިރު އޮތްކަމުގެ އިންޒާރުވެސް ބައިޑެން ވަނީ ދެއްވާފައެވެ.

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންވަނީ އެގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ޚާއްސަ ޕްލޭނެއް އިއުލާނު ކުރައްވާފައެވެ. މީގެތެރޭގައި އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން އާންމުންނަށް މަޖްބޫރު ކުރުމާއި ބަލީގެ ސަބަބުން ގެއްލުން ލިބުނު އާންމުންނަށް ދޭ ހިލޭ އެހީ އިތުރުކުރުމާއި ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމާއި ވެކްސިން ދިނުމުގެ ކަންތައް އަވަސްކުރުމާއި ބަލިޖެހޭ މީހުންނަށް ފަރުވާދިނުމުގެ ކަންތަކަށް ސަރުކާރުން އެހީދިނުން ހިމެނެއެވެ.

މިކަމަށްޓަކައި 1.9 ބިލިޔަން ޑޮލަރު އަވަސް އެހީގެ ޕެކެޖެއްގެ ގޮތުގައި ފާސްކޮށްދިނުމަށް ބައިޑެންގެ ސަރުކާރުންވަނީ ކޮންގްރެސްއަށް އިލްތިމާސްކޮށްފައެވެ. ކުރިޔަށްއޮތް 100 ދުވަހުގެ ތެރޭގައި އެމެރިކާގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަކީ ބައިޑެންގެ 100 ދުވަހުގެ ޕްލޭންގައި ހިމެނޭކަމެއް ކަމަށް ވައިޓް ހައުސްގެ ތަރުޖަމާން ޖީން ސާކީ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ކޮވިޑް ޖެހޭ މީހުން ގެ އަދަދަށް ބަލާއިރު ދެވަނައަށް ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ އިންޑިއާގައެވެ. އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 11 މިލިޔަނާ ގާތްވެފައިވާއިރު ދޮޅު ލައްކައަށްވުރެ ގިނަމީހުންވަނީ އެބަލީގައި މަރުވެފައެވެ. މުޅި ދުނިޔެއަށް ބަލާއިރު މި ބަލީގައިވަނީ 2 މިލިޔަނަށްވުރެ ގިނަ މީހުން މަރުވެފައެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު