ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ކ. ލަންކަންފުށީގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓު -- ފޮޓޯ/ ގިލި ލަންކަންފުށި

ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެންނެވެ. އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގަ އެވެ.

"ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރު ލިބުމާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ވަނީ ހިއްސާ ކުރެވިފައި." ފުލުހުން ބުނެފައިވެ އެވެ.

ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕޮޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ހޫނުވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

އެ މައްސަލައާ ގުޅިގެން ހިންމަފުށީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިލިލަންކަންފުށިން އެ ފިނޮޅުގައި ކޯރު ކަނޑާފައި ވަނީ ކައުންސިލުގެ އެއްވެސް ބަހެއް ނެތި އެއްވެސް ދައުރެއް ނެތި ކަމަށެވެ. އަދި އެ ރިސޯޓުގެ ނިޔަތަކީ އެ ފިނޮޅު ނައްތާލުން ކަމަށްވެސް ކައުންސިލުން ތުހުމަތު ކުރި އެވެ.

މި މައްސަލަ ފުލުހުންނާއި އީޕީއޭ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް