ދައުވާތަކަށް އަލީ ވަހީދު އިންކާރު ކުރައްވައިފި

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލި އެވެ.

އެ ދައުވާތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަަކު "ސަން"އަށް ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާތައް އިއްވައި ހެކި ހުށަހެޅި ކަމަށެވެ. އަދި އެ ހުރިހާ ދައުވާތަކަށް އަލީ ވަހީދު އިންކާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ދައުވާތަކަށް އަލީ ވަހީދު ވަނީ އިންކާރުކުރައްވާފައި،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، މިއަދުގެ އަޑުއެހުން ނިންމާލީ އަލީ ވަހީދުގެ ފަރާތުން ހެއްކާއި އެހެނިހެން ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށްފަހު އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އެ މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވުމަށް އެންގުމުންވެސް މަގާމުން އިސްތިއުފާ ނުދެއްވުމުންނެވެ.

comment ކޮމެންޓް