ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުތަކަށް ހަމަލާދިނުމުގެ ގާނޫނެއް ޗައިނާ އިން ފާސްކޮށްފި

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ ކަމަށްބުނާ ކަނޑުގެ ސަރަހައްދު

ބެއިޖިން (ޖަނަވަރީ 24) : ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ ކޮންމެ އުޅަނދަކަށް ހަމަލާދިނުމުގެ ހުއްދަ، ޗައިނާގެ ކޯސްޓްގާޑަށް ލިބިދޭ ގާނޫނެއް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް އިން ހުކުރު ދުވަހު ފާސްކުރި ގާނޫނުގެ ދަށުން ހަމަލާދިނުމުގެ ހުއްދަ، ޗައިނާގެ ކޯސްޓްގާޑަށް ލިބިދެނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އަސްކަރީ އަދި މަދަނީ އުޅަނދުތަކުގެ ތެރެއިން ޙަމަލާދޭން ޖެހޭ ކަމަށް ކޯސްޓްގާޑަށް ފެންނަ އުޅަނދު ތަކަށެވެ. ޙާލަތަށް ބެލުމަށް ފަހު އެ ސަރަހައްދަށް ވަންނަ އުޅަނދުތަކަށް ހަމަލާނުދީ އެސަރަހައްދުން ބޭރަށް ދިޔުމުގެ އިންޒާރު ދިނުމުގެ އިޚްތިޔާރު ވެސް މި ގާނޫނުގެ ދަށުން ޗައިނާގެ ކޯސްޓްގާޑަށް ލިބިދެ އެވެ.

އަދި ނުރައްކާތެރި ކަމަށް ފެނިއްޖެ ހާލަތެއްގައި ނޫނީ ނުކިޔަމަންތެރިކަން ދައްކައި ބޭރުވާ ދެކޮޅު ހަދައިފި ނަމަ ޙަމަލާ ދިނުމުގެ ހުއްދަ ވެސް މިގާނޫނުގައި ޗައިނާގެ ކޯސްޓްގާޑަށް ލިބިދީފައިވެ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދަށް އަވަށްޓެރި ގައުމުތައް އިއުތިރާފް ނުވާއިރު މިއީ އެސަރަހައްދުގެ ގައުމުތަކާއި ޗައިނާއާ ދެމެދު ސަރަހައްދީ ރޮނގުގެ އަރާރުން އުފެދިފައިވާ މައްސަލައެކެވެ. މިމައްސަލައިގެ ތެރެއަށް އެމެރިކާ ދަނީ ވަންނަމުންނެވެ. އެމެރިކާ މަސައްކަތްކުރަނީ ޗައިނާއާއި އެގައުމުގެ އަވަށްޓެރި ގައުމުތަކާ ދެމެދު އުފެދިފައިވާ މިއަރާރުން އިތުރަށް ބޮޑުކޮށް އެއަށް ދަރުއަޅައި ދޭތެރެޖެއްސުމަށް ކަމަށް ޗައިނާ ތުހުމަތު ކުރެ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުގެ ކައިރީގައި ބުރުޖަހާ އެމެރިކާގެ އަސްކަރީ އުޅަނދުތައް

މީގެ އިތުރުން އެމެރިކާ ގެންދަނީ ޗައިނާއަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މިސަރަހައްދާ ކައިރިއަށް އަސްކަރީ އުޅަނދުތައް ވެސް ފޮނުވަމުންނެވެ. އެމެރިކާ މިކަންކުރަނީ ކަނޑުގެ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން މިސަރަހައްދުގައި އޮންނަންޖެހޭނެ ކަމަށް ބުނެ އެކަން ކަށަވަރު ކުރުމުގެ ނަމުގަ އެވެ. ނަމަވެސް މި ސަރަހައްދަށް އަސްކަރީ އުޅަނދުތައް ފޮނުވުމުގައި އެމެރިކާ ހިންގާ ހަރަކާތްތަކަކީ ޗައިނާއަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހިންގާ ސިޔާސީ ކަމެއްކަމަށް ޗައިނާ ދެކެ އެވެ.

ޗައިނާ ގެ ޕާލަމެންޓުން ފާސްކުރި މި ގާނޫނާ ގުޅިގެން އެމެރިކާއާއި ޗައިނާގެ އަވަށްޓެރި ގައުމުތައް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގް އިއްޔެ ވިދާޅުވީ، މި ގާނޫނަކީ، ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އަދި އެކަމާބެހޭ އދ.ގެ އުސޫލުތަކާ އެއްގޮތް ގާނޫނެއް ކަމަށާއި މިއީ ޗައިނާގެ މިނިވަންކަމާއި އިސްތިގުލާލާއި، ކަނޑުގެ ހައްގުތައް ކަށަވަރު ކޮށްދޭ ގާނޫނެއް ކަމުގަ އެވެ.

ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ މި ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުތަކަށް ހަމަލާދިނުމުގެ ހުއްދަ ޗައިނާގެ ކޯސްޓްގާޑަށް ލިބިދިފައިވީ ނަމަވެސް މިކަން ޗައިނާ ކުރާނީ ޒިންމާދާރު ގޮތެއްގައި ކަމުގެ ޔަގީންކަން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ދެއްވި އެވެ.

ކަނޑުގެ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ނަމުގައި މިސަރަހައްދަށް އަސްކަރީ އުޅަނދުތައް ފޮނުވުމަށް މި ގާނޫނަށް ފަހު އެމެރިކާއަށް ވަރަށް ބޮޑަށް ދަތިވެގެން ދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ބަހުގެ ޙަމަލާތައް ގިނަވެފައި ވާދަވެރިކަން ބޮޑުނަމަވެސް ދެގައުމުގެ ދެމެދުގައި ސީދާ ކުރިމަތިލުމެއް ހިނގާކަމަށް އެމެރިކާ ވެސް އަދި ޗައިނާވެސް ބޭނުމެއްނުވެ އެވެ. މިކަން އެދެގައުމުގެ އަމަލުތަކުން ވަނީ ހާމަވެފަ އެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މިނިވަންކަމާ އެކު ދަތުރުފަތުރު ކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށްބުނެ އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް މިގާނޫނަށް ފަހު ދެން ޗައިނާ ޖާގަ ނުދޭނެކަމަށް ވަނީ ބެލެވިފަ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދާމެދު އަވަށްޓެރި ގައުމުތަކާއި ޗައިނާއާ ދެމެދު އަރާރުންތައް އުފެދިފައިވީ ނަމަވެސް ޗައިނާ ކަނޑައެޅި ސަރަހައްދަށް އުޅަނދުތައް ފޮނުވުން ފަދަ އަމަލުތައް އެގައުމުތަކުން ހިންގަމުން ގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މިފަދަ އަމަލުތައް ހިންގަނީ އެސަރަހައްދާ އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ އަދި އެސަރަހައްދުގެ ގައުމެއްކަމަށްނުވާ އެމެރިކާއިންނެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ކަނޑައަޅާފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދާމެދު ޗައިނާ ދެކެނީ އެއީ އެގައުމުގެ ކަނޑުގެ ވިޔަފާރީގެ ބޭނުންތަކަށް ވަރަށް މުހިއްމު ސްޓްރެޓީޖިކް ސަރަހައްދެއްގެ ގޮތުގަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް