ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުންދިން މައްސަލަ އީޕީއޭއިން ބަލަނީ

ހިންމަފުށި ކައިރީގައި އޮތް ފިނޮޅުގައި ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުން ކޮނެފައި ހުރި މަންޒަރު --

ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގިލިލަންކަންފުށީގެ މުވައްޒަފުންތަކެއް އަރައި ކޯރު ކޮނެ އެތަނަށް ގެއްލުންދިން ކަމަށް ބުނާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ނިންމައިފި އެވެ.

ރޭ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރާއި މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެތަނުގައި ކޯރު ކަނޑާ ގެއްލުން ދޭން ފެށުމުން އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮހެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ، ރޭ ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުންދިން މައްސަލައާ ގުޅިގެން އެ އެޖެންސީއެއް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ އެޖެންސީއިން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ސަން" އަށް ވިދާޅުވީ އެ ފިނޮޅަކީ ގިލިލަންކަންފުށީގެ މިލްކުވެރިކަން އޮންނަ ތަނެއްވެސް ނޫން ކަމަށެވެ. އަދި އެއީ އެ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ މިހާރު ފުލުހުންނަށްވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ގިލިލަންކަންފުށިން އެތަނުގައި ކޯރި ކެނޑި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވެ އެވެ. އެކަން ސާފު ކުރަން ގުޅުމުން ރިސޯޓުގެ ޖީއެމް ފޯނަށް ޖަވާބު ދެއްވާފައިވެސް ނުވެ އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ރިސޯޓުގެ ބޭނުމަކަށްވީ ހިންމަފުށިން އެތަނަށް މީހުން ގެންދާތީ އެތަން ހަލާކުކޮށްލުމެވެ. ހިންމަފުށި ހިމެނޭ ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ޓްވީޓުގައިވެސް ތުހުމަތު ކުރެއްވީ އެތަން ނައްތާލަން އުޅުނު ކަމަށެވެ.

ފިނޮޅު ފަދަ އެއްވެސް މާހައުލަކަށް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮވެއެވެ.

comment ކޮމެންޓް