ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަތީ ތައުލީމުގެ ލޯނުން ޖާގަ ހާއްސަކުރަނީ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖާގަ ހާއްސަކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެކަން ހާމަކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގަ އެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ އެ ކެޓެގަރީއިން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރުކުރުމަށް އަންގައިފަ އެވެ.

ހަޔާ އެޑިއުކޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ކެޓަގަރީ އިން ދޭނީ ކިތައް ފުރުސަތުކަން އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ލޯނަށް ހުޅުވާލާނެ ކަމަށާއި، ލޯނަށް ހުޅުވާލުމުގެ ކުރިން އެ ތަފްސީލުތައް ހާމަކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މި އަހަރުގެ ބަޖެޓުގައި މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ލޯނު ސްކީމާއި ސްކޮލަޝިޕް އަދި ހިލޭ ކިޔެވުމަށް 551 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށީ މިދިޔަ އަހަރު އެވެ. އޭގެ ދަށުން މިހާތަނަށް 7800 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ މަގު ވަނީ ފަހިވެފަ އެވެ.

މިދިޔަ އޮގަސްޓު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 763 ސްޓޫޑަންޓް ލޯނު ދޫކޮށް މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައިދިނުމަށް 341 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއާއެކު ކިތަންމެ ދަތިވި ނަމަވެސް ދަރިވަރުންނަށް ކަނޑައަޅާފައި ހުރި ސްކޮލަޝިޕްތަަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް