ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ ޒުހައިރު އައްޔަންކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަނުކުރެއްވި އައިމިނަތު އަބްދުﷲ ޒުހައިރު --

ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާމިނަތު އަބްދުﷲ ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ.

އޭނާ އަކީ 2019 ވަނަ އަހަރުން ފެށިގެން އެ ޓްރައިބިއުނަލްގެ ނައިބު ރައީސެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މާޗް 25، 2019ގަ އެވެ.

މިހާރު އެ ޓްރައިބިއުނަލްގެ ނާއިބު ރައީސް އަކީ ހަސަން އިބްރާހީމް، މ. ހާދޫ އެވެ.

އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީއިން މާސްޓާސް އޮފް ލޯސް (އެލްއެލްއެމްް އެމްޕްލޯއިމެންޓް ލޯ) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޕޭ ކޮމިޝަނުގައި ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާވެސް އަދާކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ހުސްވީ، މީގެ ހަ މަސް ކުރިން އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް