ރާއްޖޭގެ އެންމެންނަށް ވެކްސިން ޔަގީން ވެއްޖެ، މިއީ އާ އުންމީދެއް: ރައީސް

ޖޫން 8، 2019: ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އޮފީހުގައި ރައީސް ސޯލިހާއި މޯދީ-- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކސިން ލިބުމާއެކު އުއްމީދު އާވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރުމާ ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށާއި އަަޒާމކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ

ކޮވިޑް19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ ގައުމުތަކުން ފެށުމާއެކު، ރާއްޖެއަށް އެ ވެކްސިން ހޯދުމުގެ މަސައްކަތް ފެށި ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި. އެކަން ހާސިލްކުރުމަށްޓަކައި، މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައި،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން،"

ރައީސް ވިދާޅުވީ ކޮވިޑް19 އާއެކު ފާއިތުވި 10 މަހަކީ ރައްޔިތުން ގިނަ ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުނު ދުވަސްތަކެއް ކަމަށެވެ.

"އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް އާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެން ޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ހިދުމަތަކަށް ބުރޫއެރި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެކްސިނާއެކު ލިބެނީ އުއްމީދެއް ކަމަށާއި ނަމަވެސް އަދިވެސް އަދިވެސް ސަމާލުކަންދޭންވީ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުގެ މިއަދު ވެސް އިލްތިމާސަކީ، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ އަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ،" ރައީސް އިލްތިމާސް ކުރެއްވިއެވެ.

އިންޑިއާ އިން މިއަދު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒެވެ. ކޮވިޝީލްޑް ވެކްސިން އަކީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ވެކްސިން އެވެ.

ރައީސް ސޯލިހު ވަނީ އިންޑިއާ އިން ހަދިޔާކުރި ވެކްސިނާއެކު އިންޑިއަ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް