ދަނޑުވެރިކަން ފަށަން އެހީދޭ މަޝްރޫއެއް އެގްރޮނެޓުން ފަށައިފި

ދަނޑުވެރިއަކު ދަނޑުހެއްދުމުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދަނޑުވެރިކަން ފަށަން އެހީތެރިކަން ފޯރުކޮށްދޭ "ކޮންޓްރެކްޓް ފާމިން" މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އެގްރޯނެޓް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ ލ. އަތޮޅުގެ ދަނޑުވެރިންނަށެވެ.

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު "ސަން"އަށް ވިދާޅުވީ ލ. އަތޮޅުގައި މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށެވެ.

"ލ. އަތޮޅު ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހަދަން ފެށީ ޑިސެމްބަރު 18ގައި. އެ އަތޮޅުގެ ހަތް ރަށަކުން ގާތްގަނޑަކަށް 60 ދަނޑުވެރިން ވަނީ ކޮންޓްރެކްޓް ހަދާފައި. އަދިވެސް ލިބެމުންދަނީ. މިއަދު މި ހުޅުވާލަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް." ހާރޫން ވިދާޅުވި އެވެ.

ދަނޑުވެރިން ކުރަން ފަށައިގަންނަން ބޭނުންވާ ސާމާނު ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ދަށުން އެގްރޯނެޓުން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ އެވެ. މިގޮތަށް ދޫކުރާއިރު އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.

"މި މަޝްރޫއުގެ ދަށުން ދަނޑުވެރިންނަށް ދޫކުރާ ތަކެތީގެ ލިސްޓެއް އެކުލަވާލާފައި ވާނީ. އެ ލިސްޓުން ދަނޑުވެރިޔާ ބޭނުންވާ ތަކެތި ސެލެކްޓް ކުރުމުން ފޯރުކޮށްދެވޭނެ. ބާޒާރަށްވުރެ ކުޑަ އަގެއްގައި އެގްރޯނެޓުން އެތަކެތި ލިބޭނެ." ހާރޫން ވިދާޅުވި އެވެ.

މިގޮތަށް ނަގާ ތަކެއްޗަށް ފައިސާ އަނބުރާ ދައްކަން ލިބެނީ ދެ އަހަރުގެ މުއްދަތެކެވެ. ހާރޫން ވިދާޅުވީ އަނބުރާ ދައްކަން ޖެހޭނީ ސީދާ ނެގި އަދަދު ކަމަށާއި އެގްރޯނެޓުން އިތުރަށް އެއްވެސް އެއްޗެއް ނުނަގާނެ ކަމަށެވެ.

"އަނބުރާ ފައިސާ ދައްކަން އޮންނަ ގޮތަކީ އަޅުގަނޑުމެން ދަނޑުވެރިން ހައްދާ ތަކެތި ގަންނައިރު، އޭގެ ތެރެއިން އުނިވާ ގޮތަށް." ހާރޫން ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދަކީ ދަނޑުވެރިކަން ތަރައްގީކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައި ބާޒާރަށް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

comment ކޮމެންޓް