ދާންދޫ އިން އިތުރު ފަސްމީހަކު ޕޮޒިޓިވްވެއްޖެ

ގއ. ދާންދޫ

ގއ. ދާންދޫ އިން އިތުރު ފަސްމީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޝަރީފް ވިދާޅުވީ މި ފަސް މީހުންނަކީ ވެސް މިދިޔަ ބުރާސްފަތި ދުވަހު އެރަށުން ފެނުނު ކޮވިޑް19ގެ ކޭސްތަކާ ގުޅިގެން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ.

އިއްޔެ އެރަށުން ގިނަ ބަޔެއްގެ ސާމްޕަލް ނެގި ކަމަށާއި އަދިވެސް ބައެއް މީހުންގެ ނަތީޖާތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. ދެއްވަދޫ އިން ކޮވިޑް19ގެ ކޭސްތަކެއްފެނި އެއާ ގުޅުންހުރި އިތުރު ކޭސްތަކެއް އެ އަތޮޅު ވިލިނގިލިންނާއި ދާންދޫ އަދި ލ ފޮނަދޫ އާއި ހުޅުމާލެ އިން ވަނީ ފެނިފައެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.

ނަމަވެސް އެޗްއީއޯސީން ބުނީ، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި އެރަށު ގައި މާކުރިންވެސް ބަލި ފެތުރިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ކްލަސްޓާ އާއި ގުޅުންހުރި އިތުރު ކޭސްތަކެއް ވިލިގިއްޔާއި ދެއްވަދޫ އިންވެސް ވަނީ ފެނިފައެވެ. ވިލިނގިލިން މިހާތަނަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު ޕޮޒިޓިވްވި ފަސް މީހުންނާއެކު ދާންދޫ އިން ވަނީ ހަތް މީހަކު ޕޮޒިޓިވް ވެފައެވެ. މިއާއެކު މި ކްލަސްޓާއިން ގއ އަތޮޅުން 59 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މި ތިންރަށްވެސް މިވަގުތު އޮތީ މޮނިޓަރިންގައެވެ.

comment ކޮމެންޓް