ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ތިބި ހައި ރިސްކް ދެމީހުން އިތުރު ފަރުވާއަށް މާލެ ގެންނަނީ

ގއ. އަތޮޅު ހޮސްޕިޓަލް: އެ ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލީޓީގައި ތިބި އުމުރުން ދުވަސްވީ ދެ މީހަކު މާލެ ގެންނަނީ ---

ގއ. ވިލިނގިލީ ކޮވިޑް ފެސިލީޓީގައި ތިބި ބަލީގެ ނުރައްކާ ބޮޑު، ހައި ރިސްކް ދެ މީހުން މާލެ ގެންނަން ނިންމައިފި އެވެ.

ވިލިނިގިލީ ކޮވިޑް ފެސިލިޓީގައި މިވަގުތު ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭއީ ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ދެއްވަދޫއަށް ނިސްބަތްވާ އުުމުރުން ދުވަސްވީ ދެ މީހަކާއި ގއ. ދާންދޫއިން ޕޮޒިޓިވްވި 20 އަހަރުގެ މީހެކެވެ.

ދެއްވަދުއިން ކޮވިޑް ފެސިލިޓީއަށް ގެނައީ އުމުރުން 79 އަހަރުގެ މީހަކާއި 68 އަހަރުގެ މީހެކެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިއަދު "ސަން"އަށް ވިދާޅުވީ، ދެއްވަދޫއަށް ނިސްބަވްތާ އުމުރުން ދުވަސްވީ ދެ މީހުން އިތުރު ފަރުވާއަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ފެސިލިޓީގައި މިވަގުތު ފަރުވާ ދެމުންދާ އުމުރުން 20 އަހަރުގެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެ މީހާގެ ފަރާތުންނެވެ. އެހެން ނަމަވެސް އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއަށް މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވެ އެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހުޅުމާލެ އާއި ލ. ފޮނުދޫއިންވެސް ފެނުނެވެ. އެއީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ. އޭގެ އިތުރުން، ވިލިނގިލިންް ޕޮޒިޓިވް އެކަކު ހިމެނެެވެ.

comment ކޮމެންޓް