ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ކިނަޅޮސް --

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އެ މަޝްރޫއަކީ ޕްލޭނިންސް މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިއަދު ކިނޮޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ މަޝްރޫއުގައި ފެށުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ކިނޮޅަހަަށް ގެންދެވި، ހޮޅިވަޅުލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 52 ޕަސަންޓް މަސައްްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 11.8 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކުރަން ވަނީ ހަމަޖިހފައެވެ. އަދި އާރޯ ފެސިލީޓީ ބިލްޑިން ގާއިމްކުރުމާއި ފެން އުފެއްދުމާއި ދެ އާރޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ދެ ތާންގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ބޯފެން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖިފައެވެ.

އެ މަޝްރޫއުގެ ދަށުން ކިނޮޅަހުގައި 7.3 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގައިމްކުރުމާއި 0.77 ކިލޯ މީޓަރު ފަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފްލޯ ގާއިމުކުރުމަށްވެސް ހަމަޖިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި ގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާ ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެެ.

ޖުމްލަ 36.4 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 22 ދުވަސްތެރޭ ނިންމުމަށެވެ.

comment ކޮމެންޓް