ތިން މަސްފަހުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑު އެކުލަވާލައިފި

ރީޖަނަލް އެއާޕޯޓްސްގެ ބޯޑަށް ހަމަޖެއްސި ޝަފާއު --

ރީޖަނަލް އެއާޕޯޓުތައް ހިންގާ ބެލެހެއްޓުމަށް އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުފެއްދިތާ ތިން މަސް ފަހުން އެ ކުންފުނީގެ ބޯޑު އެކުލަވާލައިފި އެވެ.

މިދިޔަ ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އުފެއްދެވި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ ތިން މަސް ފަހުން މި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކޮށްފައި ވަނީ މީގެ ކުރިން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ އެވެ. ކުންފުނީގެ ޗެއާމަން ކަމަށް އަބްދުލް ލަތީފް ގާސިމް އައްޔަނު ކުރި އިރު ދެން ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ހުސައިން ޝާމިން އާއި އަބްދުﷲ ވަހީދެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު ޑިރެކްޓަރުންގެ އަދަދަކީ ހަތެކެވެ. އެހެންކަމުން ބޯޑުގައި އަދި އެއް ޑިރެކްޓަރެއްގެ މަގާމު އޮތީ ހުސްކޮށެވެ.

މީގެ ކުރިން ރީޖަނަލް އެއާޕޯޓުތައް ހިންގަމުން އައީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުގައިވާ ރީޖަނަލް އެއާޕޯޓްސް ސެކްޝަނުންނެވެ.

އެހެން ކަމުން އެ ޑިޕާޓްމަންޓުގެ ދަށުގައިވާ މުދަލާއި މުވައްޒަފުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށަށް ބަދަލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރާ ޗާޓަރު މިއަދު ވަނީ އާންމުކޮށްފަ އެވެ.

ޗާޓަރު ބުނާ ގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ބަދަލު ކުރަނީ މިވަގުތު ރީޖަނަލް އެއަޕޯޓްސް ގެ ބެލުމުގެ ދަށުން ކުރާ ހުރިހާ މަސައްކަތްތަކާއި، ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި ހުރިހާ ސަރަޙައްދީ އެއާޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދަލާއި، މުވައްޒަފުންނާއި، އެ ތަންތަނާ ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް ރީޖަނަލް އެއާޕޯޓްސްއާ ގުޅޭ އެންމެހާ މަސައްކަތްތަކެވެ.

ރީޖަނަލް އެއާޕޯޓްސްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުސަތު ދޭނެ އުސޫލު ވެސް ޗާޓަރުގައި ވަނީ ކަނޑައަޅައިފަ އެވެ.

މުވައްޒަފުން ބަދަލުވުމުގެ މަރުހަލާގައި، ކޮންމެ މުވައްޒަފަކަށްވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން، އެފަރާތުން ރީޖަނަލް އެއާޕޯޓްސްގެ އިދާރާގައި އަދާކުރި ވަޒީފާގެ ބަދަލުގައި އާ ވަޒީފާގެ އެއްބަސްވުމެއް ހުށަހަޅާނެ އެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ގައި މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނަށް އެފުރުސަތު ދޫކޮށްލުމުގެ އިހުތިޔާރު ވަނީ ދީފަ އެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވާ ހުރިހާ މުވައްޒަފުން ބެލޭނީ އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ ގޮތުގައި ކަމަށް ޗާޓަރުގައި ބުނެ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް އުފެއްދި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ރައުސްމާލުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދެ ބިލިއަން ރުފިޔާ އެވެ. އަދި ހިއްސާގެ އަގަކަށް 10 ރުފިޔާ ކަނޑައަޅާފައިވާ އިރު އެ ކުންފުނީގައި ޖުމްލަ ހިއްސާގެ އަދަދަކ ދެ މިލިއަނެވެ.

ކުންފުނީގެ އަސާސީ ގަވައިދުގައި ބުނާ ކުންފުނީގެ މައިގަނޑު މަގުސަދުތަކަކީ؛

(ހ)ރާއްޖޭގައި ހިމެނޭ، ކުންފުންޏާއި ހަވާލުކުރެވޭ ސަރަޙައްދީ އެއާޕޯޓުތައް ހަރުދަނާ ގޮތެއްގައި، އޭވިއޭޝަންގެ ދާއިރާއާއި ގުޅޭ ބައިނައްލަގުވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ހިންގައި އޮޕަރޭޓްކުރުން؛

(ށ)ސަރަޙައްދީ އެއާޕޯޓުތަކުގެ ހިންގުމާއި އޮޕަރޭޓްކުރުން ހަރުދަނާ ކުރުމާއި، އަދި އެއާޕޯޓްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، އިންފްރާސްޓްރަކްޗަރާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ވިލަރެސްކޮށް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީކޮށް ކުރިއެރުވުން

(ނ)ކުންފުނީގެ މަގުސަދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށާއި އެ ކަންތައްތަކާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ، ދަރަންޏަށާއި އެހެނިހެން ގޮތްގޮތުން ހޯދުން.

އެ ކުންފުނީގެ މަސްލަހަތާއި ގުޅޭ ކަންކަމުގައި ކުންފުނީގެ ފަރާތުން ހިއްސާދާރަށް، ސަރުކާރަށް ޖަވާބުދާރީވާން ޖެހެނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ޗާޓަރުގައި ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް