އިސްރާއީލުގެ އަނިޔާވެރިކަމަށް އެންމެބޮޑަށް އެހީތެރިވާ އެމެރިކާގެ ގޭމްބްލިން ލީޑަރު މަރުވެއްޖެ

ގޭންބްލިން އެންޕެރާ ޝެލްޑަން އެޑަލަސަން

ވޮޝިންޓަން (ޖަނަވަރީ 13) : އެމެރިކާގެ ގޭމްބްލިން (ގިމާރު) ކުޅުމުގެ ވިޔަފާރީގެ އެންޕެރާ ކަމަށް ސިފަކުރެވޭ ޔަހޫދީ މަޝްހޫރު ވިޔަފާރިވެރިޔާ ޝެލްޑަން އެޑެލަސަން އުމުރުން 87 އަހަރުގައި މަރުވެއްޖެ އެވެ.

ޝެލްޑަންގެ ކުންފުނިކަމަށްވާ "ލަސްވެގަސް ސެންޑްސް" ބުނި ގޮތުގައި ޝެލްޑަން މަރުވީ އެމެރިކާގައި ކެންސަރު ބައްޔަށް ފަރުވާދެމުން ގެންދަނިކޮށެވެ. ޝެލްޑަންގެ މުޅި ހަށިގަނޑަށް ކެންސަރުގެ ދެވައްތަރެއް ފެތުރި އޭނާގެ ކްރިޓިކަލް ހާލަތަކަށް ގޮސްފައިވާތާ ދުވަސްތަކެއްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މުޅި ދުނިޔޭގައި ވެސް ގޭމްބްލިންގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރިޔަށްގެންގޮސް އެއިން ބޮޑު ނަފާއެއްހޯދަމުން ގެންދާ ޝެލްޑަންއަކީ ޔަހޫދީންގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އަދި ހަރުކަށި ފިކުރު ކަމަށްވާ ޒަޔަނިސްޓް ފިކުރުގެ މީހެކެވެ. އޭނާއަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށާއި 1976ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ބިމާއި ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުގެ ތަނަކަށް ހެދުމަށްޓަކައި އެދެބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ހައުސިން މަޝްރޫއުތަކަށް އެންމެ ބޮޑަށް ފައިސާގެ އެހީދޭ އެއްފަރާތެވެ.

ޝެލްޑަން ޓްރަމްޕާ އެކު

ހުޅަނގު އައްސޭރީގެ ބިމަކީ މުސްތަގްބަލްގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އޮތް ބިންކޮޅު ކަމަށްވިޔަސް އިސްރާއީލު ވަނީ އެބިމުގައި މިހާތަނަށް ދޮޅު މިލިޔަން ޔަހޫދީން ދުނިޔޭގެ ކަންކޮޅު ތަކުންގެނަސް އެތަނުގައި ވަޒަންވެރި ކުރުވާފަ އެވެ. ބޭނުމަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު އެބިމުގައި ނުދިނުމެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި 1976 ވަނަ އަހަރުން ފެށިގެން އިސްރާއީލު ގެންދަނީ އެބިމުގައި ހައުސިންގް ޔުނިޓްތައް ގާއިމް ކުރަމުންނެވެ.

މިހާތަނަށް ތިންލައްކައަށްވުރެ ގިނަ ހައުސިން ޔުނިޓާއި އެޔުނިޓްތަކަށް ބޭނުންވާ އެނޫން ފެސިލިޓީތައް ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަނީ ގާއިމްކޮށްފަ އެވެ. މިތަންތަން ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެމެރިކާއާއި ޔޫރަޕްގައި ދިރިއުޅޭ ޔަހޫދީ މުއްސަނދިންނާއި ޔަހޫދީންގެ ކުންފުނިތަކުންނެވެ. އިއްޔެ މަރުވި ޔަހޫދީން ގޭމްބްލިން ލީޑަރު ނުވަތަ ގޭމްބްލިންގް އެމްޕެރާ ޝެލްޑަން އެޑެލަސަންއަކީ މިކަމަށް އެންމެބޮޑު އެހީދޭ އެއް ފަރާތެވެ.

ޝެލްޑަން ނަތަންޔާހޫ އާއެކު

މީގެ އިތުރުން ޝެލްޑަންއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޭންޕޭންތަކާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޭންޕޭންތަކަށް ވެސް އެންމެ ބޮޑަށް ޚަރަދުކުރާ އެއް ވިޔަފާރިވެރިޔާ ވެސްމެ އެވެ. ޝެލްޑަންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް ނަތަންޔާހޫ އާއި ޓްރަމްޕް ހިމެނެ އެވެ. އަދި ފަހަކަށް އައިސް ޝެލްޑަން ވަނީ ގަލްފުގެ އަރަބި ދެ ލީޑަރުންކަމަށްވާ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ޔޫއޭއީގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދް އާވެސް ގާތްގުޅުންތަކެއް އުފައްދާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދިފަހުން ޔޫއޭއީން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމާއި ސައޫދީ ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާއެކު ބާއްވަމުން ގެންދާ ގުޅުންތަކުގެ ފަހަތުގައިވާ އެއްފަރާތަކީ ވެސް ޝެލްޑަން ކަމަށް ޚަބަރުތައް ބުނެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ޝެލްޑަންގެ މަރަކީ ބޮޑު ހިތާމައެއްކަމަށް ސިފަކުރައްވައިފަ އެވެ. ޝެލްޑަންއަކީ އިސްރާއީލަށާއި ޔަހޫދީންނަށް ވަފާތެރި ރަހްމަތްތެރިއެއްކަމަށް ސިފަކުރައްވައި ނަތަންޔާހޫވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ޓްރަމްޕް ވެސް ވަނީ ޝެލްޑަންގެ މަރާމެދު ހިތާމަ ކުރައްވައި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ޝެލްޑަންގެ ކުންފުނިކަމަށްވާ "ލަސްވެގަސް ސެންޑްސް" އަކީ އެމެރިކާގެ ކުޅިމަޖާ ސިޓީ ކަމަށްވާ ލަސްވެގަސްގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޮޓާތަކާއި ނައިޓް ކްލަބްތަކާއި ހަށިވިއްކުމުގެ ވިޔަފާރިއާއި ގިމާރު ޚާނާތައް (ގޭމްބްލިން ފެސިލިޓީސް) ފުޅާދާއިރާއެއްގައި ހިންގާ ވަރަށް މުއްސަނދި ކުންފުންޏެކެވެ. އޭނާގެ މުއްސަނދިކަން 33.9 ބިލިޔަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

ދެހާސް ތިން ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ އިރާގުގެ އެތައް ލައްކަ ބަޔަކު މަރައި ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ހަނގުރާމައިގެ ޖަރީމާތައް ހިންގެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވެސް ވަނީ ޝެލްޑަން އަށް ތައުރީފް ކުރައްވައި އޭނާއަކީ އިސްރާއީލާއި އެމެރިކާއަށް ވަފާތެރި މުވާތިނެއް ކަމަށް ސިފަކުރައްވައިފަ އެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު