އަންހެން ކުދިންނަށް ކޯޑިންގ ދަސްކޮށްދޭ ޕްރޮގްރާމް ތިނަދޫގައި ފަށައިފި

އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސްޓުކޯޑު-ތިނަދޫ" ފަށައިފި އެވެ.

އެ ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ހަވީރު ވާޗުއަލް ކޮށެވެ. އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވި އެވެ.

ދިރާގުން ބުނީ އޮންލައިންކޮށް ގެންދާ އެ ޕްރޮގްރާމް ކުރިއަށް ދާނީ ދެ މަސް ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއްދާނެ ގޮތުގެ އިތުރު މައުލޫމާތު އިއްޔެގެ ހަފުލާގައި ބައިވެރިންނާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓާސްގެ ގޮތުގައި ދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ އެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މަރުހަބާ ދަންނަވަމުން ދިރާގު ޑިރެކްޓަރ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގައި އަންހެނުން ބާރުވެރިކުރުމަކީ ވަކިން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާތީ ކަމަށެވެ.

އަދި އަންހެން ކުދީން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިއްވަރު ދިނުމަކީ ދިރާގުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް ވާތީ ކަމަށެވެ،

އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގާލްސް ޓު ކޯޑް ފުވައްމުލަށް އަދި ޖެންގޯ ގާލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެއީ އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ލިބުނު ހިތްވަރެއް ކަމަށެވެ.

އެ ޕްރޮގްރާމް ތިނަދޫގައި ބޭއްވުމަށް ތިނަދޫއިން ލިބުނު ތަރުޙީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިން ވެސް އިސްކަންދޭވީ ޕްރޮގްރާމްގައި ދެމިތިބެ ޕްރޮގްރާމް ނިންމުމަށް ކަމަށެވެ. އަދި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަކީ އަމާޒު ކަމުގައި ހެދުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

comment ކޮމެންޓް