ސަފާރީ ކޭސްއާ ގުޅޭ ކޮންޓެންޓަކާ ގުޅިގެން މައާފަށް އެދެން ޗެނަލް13 އަށް އަންގައިފި

ޗެނަލް 13 އޮފީސް-- ސަން ފައިލް ފޮޓޯ އަލީ ނަސީރު

ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން 'މެންދުރު އޮންލައިން' ވެބްސައިޓުގައި ޝާއިއު ކުރި ރިޕޯޓެއް، އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދިން މައްސަލައިގައި މައާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލަށް އަންގައިފި އެވެ.

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހެޅީ އެ ރިޕޯޓު ޗެނަލް 13 އިން ބްރޯޑްކާސްޓްކުރަމުން ގެންދަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދިނުމަށް އެދި އެވެ.

ބްރޯޑްކޮމް އިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވާކަމަށެވެ.

ނަމަވެސް ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޗެނަލް 13 އިން، 28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44ގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓްގައި ހިމެނޭ ކަންތައްތަކަކީ، ޖިނާއީ ތުހުމަތުތަކަކަށް ވާއިރު، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަކީ އެ ކޮމިޝަންގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން ވަނީ ފާހަގ ކޮށްފަ އެވެ.

ނަމަވެސް އެ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ އެއްވަނަ ނަންބަރު، "މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން" އަދި ދެވަނަ ނަންބަރު، "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން" އަދި ތިންވަނަ ނަންބަރު "އޮރިޔާން ކާޑާއި އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓްނުކުރުން" އާ ހިލާފުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެއީ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1)، (2) އަދި (3) އާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13" އިން ހިލާފުވި ފުރަތަމަ ފަހަރު ކަމުގައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވުމަށް ވަނީ ނިންމައިފަ އެވެ.

އަދި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13" އިން ބްރޯޑްކާސްޓްކޮށްފައިވާތީ، މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ޗެނަލް13 އިން އާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

ސަފާރީގައި ކެންޔާގެ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށް ބުނެ 'މެންދުރު އޮންލައިން'ގައި މީގެ ކުރިން ލިޔުމެއް ޝާއިއު ކުރިއެވެ. އެ ލިޔުމުގައިވާ ވާހަަކަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް ފަހުން މެންދުރު އޮންލައިންއިން ވަނީ އެ ލިޔުން ވެބްސައިޓުން ނަގައި މައާފަށް އެދިފައެވެ.

މެންދުރު އޮންލައިންއަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫހެއް ނޫނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންވެސް ބުނެފައި ވަނީ މެންދުރު އޮންލައިންގައި ކަން ހިނގި ގޮތް ކަމަށް ބުނާ ގޮތާ ފުލުހުންގެ ހޯދުންތަކާ ފުށޫ އަރާ ކަމަށެވެ.

comment ކޮމެންޓް